ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ހުޅުވަން މިރޭ 3 މިނެޓަށް ހަނިމާދޫގައި ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފް އިން ބުނީ ޕްރައިވެޓް ހަފުލާއެއްގައި މިރޭ 20:30 ހާއިރު، ހދ. ހަނިމާދޫގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށާއި، ހަވާ އަރުވާނީ 3 މިނެޓަށް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ކަމަށްވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅިގެން އޭވިއޭޓާސް މޯލްޑިވްސް އިން ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެއް މިރޭ 7:00 ގައި، ރަސްމިއްޔާތު ފެށުމުގެ ގޮތުން ހަނިމާދޫ އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވާކަމަށް ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ އަމާޒަކީ އެއާޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް، ލަސްވެގެން ނޮވެމްބަރު މަހަށް ހަނިމާދޫ އެއާޕޯޓުގެ ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވުން ކަމަށް ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.

ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މިފަހަރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު އެ ވައިގެބަނދަރު ބައިނަލްއަގުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.