މިއަދު މި ފެށުނީ ފުވައްމުލަކު ސިޓީގެ ތަރައްގީގެ ވަރަށް މުހިންމު ބާބެއް ކަމަށާ، މިއަދު މި އެއްލޭ މުހިންމު ސަފުހާއަކީ ރައްޔިތުންގެ އުފާފަގަތިކަން ހަގީގަތަކަށް ހެދުމުގެ އާ ސަފުހާއަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އެ ސިޓީގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރޭގެ ރަސްމިއްޔާތުގައި ސޮއިކުރެއްވި 11 މަޝްރޫއު އާއި، މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ފުވަމުއްލަކު ސިޓީގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ކާމިޔާބުކަމާއެކު މި މަޝްރޫއުތައް ފުރިހަމަކޮށް، ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

މިކަންކަމަށް އަލިއަޅުވާލައްވަމުން، ފުވައްމުލަކު ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ކުނީގެ މައްސަލައެވެ. ފުވައްމުލަކު ސިޓީއާއެކު، ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުގައި ގިނަ ދުވަސްތަކެއްވަންދެން ޖަމާވަމުންދިޔަ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުން ރަށެއް، ވެމްކޯއަށް ހަމަޖައްސަވައިދެއްވާފައި ވާއިރު، މިއަދު މި ފެށީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޝްރޫއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫއަކީ ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަމަށްވެސް ރިއާޔަތްކުރެވި، ބަޖެޓް ހަމަޖެހިފައި އޮތް މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތައުލީމީ ދާއިރާއިން އަމަލީ ގޮތުން މަސައްކަތް ފެއްޓެވި މަޝްރޫއުުގެ އިތުރުން، ފުވައްމުލަކު ސްކޫލަށް 16 ކުލާސްރޫމާއެކު ލެބްތައް ހިމެނޭހެން އިތުރު ތަރައްގީ ގެނެސްދެއްވުމުގެ މަޝްރޫއެއްގައި ރޭ ވަނީ ސޮއިކުރައްވާފައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހާއި ދަނާލުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާނެކަމާއި، ޓިވެޓްގެ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.

ފުވައްމުލަކު ސިޓީގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ވާހަކަފުޅުގައި ދެން އަލިއަޅުވާލެއްވީ، ޓާޝަރީ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގެ ދާއިރާއަށެވެ. ފުވައްމުލަކު ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ސައޫދީ ފަންޑުން ހަމަޖެހިފައިވާކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ، އެންމެ ލަސްވެގެން އަންނަ އަހަރުގެ މެއި-ޖޫން މަހާ ހިސާބުގައި އަމަލީ މަސައްކަތް ފެށުމާ ހިސާބަށް ދެވޭނެކަމުގައި ވިދާޅުވެފައެވެ. އޭގެ ކުރިންވެސް ބައެއް ހިދުމަތްތައް ފައްޓަވާނެކަމަށާ، މިގޮތުން، ފުވައްމުލަކު ސިޓީގައި މިއަދު ރަސްމީކޮށް ސީޓީ ސްކޭނިންގް ހިދުމަތް ދޭން ފެށިފަހުން، ރަސްމިއްޔާތުގެ އެ ވަގުތާ ހިސާބަށް އެކަނިވެސް 90 ވަރަކަށް ޕޭޝަންޓުންނަށް ހިދުމަތް ފޯރުކޮށްދެވިފައިވާކަން، ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށް ވާ އިރު، ކުރިން ބަޔަކާ ހަވާލުކުރެވި، ފުވައްމުލަކު ސިޓީގައި ކުރިއަށް ނުގޮސް އޮތް 400 ހައުސިންގް ޔުނިޓްގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާ، މަސައްކަތް ފަށައިގަނެވިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީގައި 500 ހައުސިންގް ޔުނިޓް ތަރައްގީކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރެއިން، 75 ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ. ވައުދުފުޅުގެ ތެރެއިން ބާކީ ހުރި ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފައްޓަވާ، ކުރިން ހަވާލުކުރެވިފައިވާ 400 ހައުސިންގް ޔުނިޓްގެ މަސައްކަތާއެކު މި ދައުރުގެ ތެރޭގައި ޖުމުލަ 900 ހައުސިންގް ޔުނިޓްގެ މަސައްކަތް ނިންމަވައި ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ފުވައްމުލަކު ސިޓީގެ ބަނދަރުގެ މައްސަލައަށްވެސް ފުރިހަމަ ހައްލެއް ހޯއްދަވައި ދެއްވާނެކަމަށާ، ބަޖެޓުގެ މައްސަލައެއް އެކަމުގައިވެސް ނެތްކަމުގެ ޔަގީންކަން ރައީސް ވަނީ އެ ސިޓީގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރައްޔިތުންގެ އާމްދަނީ އިތުރުވާނެހެން، ސީދާ އަދި ނުސީދާ ފައިދާ ލިބޭނެފަދައިން ފުވައްމުލަކު ސިޓީގައި، ސިޓީ ހޮޓާ ތަރައްގީކުރެއްވުމުގެ ކަންކަންވެސް ކުރިއަށްދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް ދާދި އަވަހަށް ހައްލު ލިބޭނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ފެނަކައިން ކުރައްވަމުން ގެންދަވާ ކަމަށާ، އަލަށް ގެނެވޭ ޖަނެރޭޓަރާއެކު ރަމަޟާން މަހުގެ ކުރިއަށް، ކަރަންޓުގެ މައްސަލައަށް ހައްލު ލިބޭނެކަމުގެ ހަބަރު، ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އަދި މުޅި ސިޓީއަށް ބޭނުންވާ ކަރަންޓު، އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

ކުޅިވަރުގެ ރޮނގުންނާއި ޒުވާނުންނަށް ބޭނުންވާ އެކި ދާއިރާތަކުން ސިޓީއަށް ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ އުމްރާނީ ގޮތުން ރަށުގެ ތަރައްގީއަށް ކުރިއަށް ގެންދަވާ ގިނަ މަޝްރޫއުތަކެއްގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރުމަށްޓަކައި، ޒަމާނީ ފެންވަރުގެ ޓާމިނަލެއް ގާއިމުކުރުމުގެ މަސައްކަތްތައް، ދާދި އަވަހަށް ފެށޭނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.