ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން "މިލިޓަރީ ޑިސްޕްލޭ" އެއް ހުށަހަޅައިދީފިއެވެ.
ޖުމުހޫރީ މައިދާނުގައި ބޭއްވި މި ޑިސްޕްލޭ ހުށަހެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒުއެވެ. ޑިސްޕްލޭ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އިސްތިގުބާލު ކުރެއްވީ ދިފާޢީ ވަޒީރު، މުހައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
މި ޑިސްޕްލޭގައި ވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވާ ނިރުބަވެރި ހަމަލާއަކާ ދެކޮޅަށް އެއްގަމާއި ކަނޑާއި ވައި ބޭނުންކޮށްގެން ގައުމީ ދިފާއީ ބާރުގެ ތިން އެލީޓް އެލެމެންޓްކަމުގައިވާ ސްޕެޝަލް ފޯސަސް (އެސްއެފް) އާއި، ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕް (އެސްއޯޖީ) އަދި ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) ގެ ސިފައިން ހިންގާ ޖޮއިންޓް އޮޕަރޭޝަނެއްގައި، ގާބިލުކަމާއި ކުޅަދާނަކަމާއެކު ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދީފައެވެ.
މި ޑިސްޕްލޭގައި ފެނިގެންދިޔަ ކޯސްޓްގާޑް ޝިޕް ދަރުމަވަންތައަކީ ރައީސް މުއިއްޒު، ތުރުކީވިލާތުގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހޯއްދަވައިދެއްވި 'ޑޯގަން' ކްލާހުގެ 60 މީޓަރުގެ މަނަވަރެވެ. ޒަމާނީ ބަރު ހަތިޔާރާ އެކު ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރުގެ އަރުމާދަށް މިހާތަނަށް ގެނައި އެންމެ ބޮޑު މަނަވަރުގައި، ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި، ފަޔާ ކޮންޓްރޯލް ރާޑަރާ އެކު އިންޓެގްރޭޓް ކުރެވިފައިވާ އަދި ޒަމާނީ އެހެނިހެން ވަސީލަތްތައް ހުރީ ގާއިމުކުރެވިފައެވެ.
ހަމައެއާ އެކު، ޑިސްޕްލޭގައި ފެނިގެންދިޔަ އިންޓާސެޕްޓް ބޯޓަކީ، ކޯސްޓްގާޑް ހާބަރ ކްރާފްޓް ފްލީޓް އައުކޮށްދެއްވުމަށް ނިންމަވައި ރައީސް މުއިއްޒު، އަލަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިދުމަތަށް ނެރެދެއްވާ އިންޓަރސެޕްޓާ ބޯޓުގެ ތެރެއިން އެއް ބޯޓެވެ.
ޑިސްޕްލޭގައި ފެނިގެންދިޔަ އާމަޑް ވެހިކަލްތަކަކީ ދިވެހި އަސްކަރިއްޔާގެ އެއްގަމު ބާރު ކަމުގައިވާ އެމްއެންޑީއެފް މެރިން ކޯގެ އަސްކަރީ ގާބިލުކަން އިތުރުކޮށްދެއްވުމަށް ރައީސް މުއިއްޒު، އެކުވެރި އަރަބި އިމާރާތުން ހޯއްދަވައިދެއްވި އާމަޑް ވެހިކަލްތަކުގެ ތެރެއިން ބައެއް ވެހިކަލްތަކެވެ. ޔޫއޭއީގެ އެޖް ގްރޫޕުން އުފައްދާފައިވާ 'އަޖްބާން' ސީރީސްގެ މި އާމަޑް ވެހިކަލްތަކަކީ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ، ހަރުމަގުތަކުގައާއި ފަސްމަޑު ގޮނޑުދޮށްތަކުގައި އަދި ތިލަ ފަޅުތަކުގައި ވެސް ދުއްވޭގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އަދި މި އުޅަނދަކީ ރިމޯޓު ވެޕަންސް ސިސްޓަމްތައް ގާއިމުކޮށްފައިވާ އެންމެ ޒަމާނީ އުޅަނދެކެވެ.
އެމްއެންޑީއެފްގެ މި ޑިސްޕްލޭއަށް، އާންމުންނާއި ކުޑަކުދީންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
