މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަހަރުގެ ދެވަނަ ކުއާޓަރުގައި 539 މިލިއަން ރުފިޔާއިރު ތިންވަނަ ކުއާޓަރުގައި އެއް އިންސައްތައިގެ އިތުރުވުމެއް ވަނީ ލިބިފައެވެ. އުރީދޫއަށް ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާވަނީ ލިބިފައެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ލިބިފައިވަނީ މޮބައިލް ހިދުމަތްތަކުން ކަމަށެވެ. އެގޮތުން އުރީދޫގެ މޮބައިލް ހިދުމަތްތަކުން 404 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އެންޓަޕްރައިޒް ހިދުމަތްތަކާއި ފިކްސް ބްރޯޑްބޭންޑް ހިދުމަތްތަކުން 143 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އުރީދޫއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާކޮށް ފުޅާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ތިންވަނަ ކުއާޓަރުގައި ބ. ތުޅާދޫ އާއި ހދ. ހަންޏާމީދޫގައި ފައިބާ ބްރޮޑްބޭންޑުގެ ހިދުމަތް ފަށާފައެވެ. މީގެ އިތުރުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވާފައިވާއިރު، މުޖުތަމައުގެ އެކި ދާއިރާތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، އެކި ހަރަކާތްތައް ބާއްވާފައިވެއެވެ.