2028 ވަނަ އަހަރު ނަގާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް އަބްދުﷲ ޔާމިންގެ ނަން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފުރަތަމަ ގައުމީ ޖަލްސާ ގައެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ތެރޭގައި އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޔާމީންގެ ނަން 2028 ވަނަ އަހަރުގެ ރިޔާސީ ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި ނެތްނަމަ އެ ވޯޓު ކަރުދާސް ޗާޕު ކުރާނީ ދިވެހިރާއްޖޭގައި ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ ދެއްވާފައެވެ.
ރައީސް ޔާމީންއަކީ ވަކި މީހެއްގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން ބޭފުޅެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައީ ޔާމީންގެ ފޮޓޯ ދައްކައިގެން ކަމަށާއި ކެމްޕެއިންގައި ބޭނުންކުރި ޕޯސްޓަރުތަކުގައި ރައީސް މުއިއްޒު އަދި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފްގެ ފޮޓޮއަށްވުރެ ޔާމީންގެ ފޮޓޯ ބޮޑުކޮށް ބޭނުންކުރި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޔާމީން ޖަލުގައި އޮތުމުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލުކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފްއަކީ ވަރުގަދަ ޕާޓީއެއް ކަމަށާއި ޕީއެންއެފްއިން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އަދި އެ ޕާޓީއިން ރައްޔިތުންގެ މަސްލަހަތު އެންމެ މަތީ ދަރަޖައަކަށް ހިމާޔަތް ކޮށްދޭނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

 
												
												 
					 
					 
					 
					 
					 
					 
					 
					 
					