ވ. އާރަށް ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި، ޔާމީން ހުށަހެޅުއްވި ދިފާއީ ހެކިންނާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފިއެވެ.
ޔާމީންގެ ބޭންކު އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރަކީ، އާރަށުގެ މުއާމަލާތާ ގުޅުން ހުރި ރިޝްވަތެއް ނޫން ކަމަށާއި، އެއީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަން ސާބިތުކުރުމަށް ޔާމީންގެ ދިފާއުން ހުށަހެޅި ހެކިންނަށް ފުރުސަތު ދިނުމަށް ގާޒީ އަލީ ނަދީމް ނިންމެވިއެވެ.
ގާޒީ ނަދީމް ވަނީ އަދީބާއި ޒިޔަތުގެ ހެކިބަހަކީ މި މައްސަލާގައި ނަގަން ޖެހޭ މުހިންމު ހެކިބަހެއް ކަމަށް ފާހަގަކުރައްވާފައެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ.
އާރަށަކީ 2015 ވަނަ އަހަރު ސަރުކާރަށް އަނބުރާ ނެގުމަށްފަހު، އެފަހުން އެ ރަށާ ގުޅޭގޮތުން ހިނގާފައިވާ މުއާމަލާތްތަކަކަށް ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަމުން އަންނަ މައްސަލައެކެވެ.
އާރަށަކީ ވ. ތިނަދޫ ކައިރީގައި އޮންނަ ފަޅުރަށެކެވެ. މި ރަށް ދަނޑުވެރިކަމަށް ކުރިން ދޫކޮށްފައި އޮތް ނަމަވެސް، 2015 އޮގަސްޓު 9 ގައި ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކޮށްފައެވެ. އެއަށްފަހު، 2015 އޮގަސްޓު 13 ގައި ޔޫސުފް ނައީމްގެ 99 ޕަސެންޓް ހިއްސާ އޮންނަ "ޓޫޖީ ޕްރައިވެޓް ލިމިޓެޑް" ނަމުގައި ކުންފުންޏެއް އުފައްދައި، މި ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓަށް 1 މިލިއަން ޑޮލަރާއި، ޔޫސުފް ނައީމަށް ވަކިން 1 މިލިއަން ޑޮލަރުގެ ޗެކެއް ދެވުނެވެ. މި ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާކުރެވުނީ އެދުވަހުއެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި، 2015 އޮގަސްޓު 15 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ދެވުނުއިރު، މި ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކުރެވުނީ އޭގެ ދެ ދުވަސް ފަހުންނެވެ. އަދި 2015 ސެޕްޓެމްބަރު 8 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސެންޓް ހިއްސާ "އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް" އަށް ވިއްކާލިއެވެ.
ނަމަވެސް ޔާމީނާއި ޔޫސުފް ނައީމްގެ ދިފާއަކީ، ޔާމީންގެ އެކައުންޓަށް ޖަމާވި މި އެއް މިލިއަން ޑޮލަރަކީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ޔޫސުފް ނައީމަށް ޔާމީން ދެއްވި ދިވެހި ރުފިޔާގެ ނަގުދު ފައިސާގެ ބަދަލުގައި ޖަމާކުރި ފައިސާ ކަމަށެވެ. މި މައްސަލައިގެ ޝަރީއަތުގެ ކުރިއަށްހުރި އަޑުއެހުންތަކުގައި މި ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ތާވަލުކުރެވިފައެވެ.
