އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިން، ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަންގެ 10 ވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯގެ 10 ވަނަ ނަސީބުވެރިއަކަށް ހޮވިފައިވަނީ ގދ. ވާދޫ، އިބްރާހިމް ވަޖްދީ ކަމަށެވެ. ވަޖްދީގެ ފަރާތުން މި އިނާމާއި ހަވާލުވެފައިވަނީ މުހައްމަދު އިބްރާހިމް ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި 1 ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަމަޖެހިފައި ވަނީ 2 މީހަކަށް ހައްޖު ދަތުރެއް ކަމަށް ވެސް އުރީދޫއިން ވަނީ ފާހަގަ ކޮށްފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ބައިވެރިވެވޭނެއެވެ. އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުން ކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހެއެވެ. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެ ކަމަށް އުރީދޫން ބުނެއެވެ.،

20 އަހަރުގެ ކުޑަ މުއްދަތުގައި އުރީދޫ އިން ވަނީ މުއާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލް ކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.