ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައާ މެދު މަޝްވަރާކޮށް، ފިޔަވަޅު އަޅަން މަތީ ފެންވަރުގެ ކޮންފަރެންސެއް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި މިކަން އިއުލާންކޮށްފައި މި ވަނީ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަތައް އިތުރުވެ، ސިޔާސީ މަގާމުތަކުގައި ތިއްބަވައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ފަރާތްތަކަށް ހުކުމް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދުގެ އޮފީހުން ބުނީ، އެ ކޮންފަރެންސް ބާއްވާ ތާރީހާއި ތަނަކާއި އެޖެންޑާ އަދި ރަޖިސްޓަރީ ކުރާނެ ގޮތުގެ ތަފުސީލް ކުރިއަށް އޮތް ހަފުތާގައި އާންމު ކުރާނެ ކަމަށެވެ. މަރުކަޒީ ބޭންކު އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ކޮންފަރެންސަަށް ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ކޮންފަރެންސަކީ އާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ފެށުން ކަމަށް އެ ބަޔާނުގައި ބުނެއެވެ. އެކި ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި، ތަހުލީލު ކުރަން ބާއްވާ ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމައުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުން ބައިވެރިވާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ މީހުންގެ މެދުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބަލައި "ގަނޑަށް އެ ކަންކަން ތިރި ކުރެވޭނެ" ކަމަށް ވެސް ނަޝީދުގެ އޮފީހުން ބުނެއެވެ. އެ އާދަކާދަ ބަދަލުކުރަން ބޭނުންވާ ބައިނަލްއަގްވާމީ އަދި އެތެރޭގެ އެހީ އާއި ހަރަކާތްތެރި ކަމަށް ވެސް މި ކޮންފަރެންސް މެދުވެރިކޮށް ކަން ފަހި ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މި ކޮންފަރެންސާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުން ނޫން ކަމަށާއި އެ ވައްކަމުގައި ދިވެހިންގެ ކިބައިން ފޭރިގަނެވެނީ ފުރުސަތާއި އަބުރާއި އިއްޒަތް އަދި އިންސާފު ކަމަށެވެ.

ނަޝީދުގެ އިސްނެންގެވުމަކަށް ބާއްވާ ކޮރަޕްޝަނާ ދެކޮޅު ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ވެސް ނަގާނެ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެއެވެ. ލިޔެކިޔުން މުތާލިއާކޮށް، ގާނޫނީ އިސްލާހުތަކާއި ދެފުށް ފެންނަ އިޖުރާއަތްތަކާއި އުސޫލުތައް އަދި ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ކޮރަޕްޝަނާއި މަގާޟުގެ ނުފޫޒު ބޭނުންކުރުމާ ބެހޭ ކޮންފަރެންސެއް ބާއްވަން ރައީސް ނަޝީދު ނިންމަވާފައިވާ އިރު، އިއްޔެ ވަނީ ރައީސް އިބްރާހިމް ސޯލިހްގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހްމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ ސާބިތުވެ 4 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އަދި މިއަދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ އެމްޑީ އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތުގެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.