އެމްޑީޕީއަށް ވެސް އަދި ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށާއި، އޮންނަ އުސޫލުގެ މަތިން ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ އޮކްޓޯބަރު 3 ގައި މި ސަރުކާރުން "ގައުމު ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުން އިސްތިހާރު ކުރުމަށް ހުޅުމާލޭގައި ދެމި ބެނާތައް ހައުންސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ނެގުމާއި ގުޅިގެންނެވެ. އަދި މާލޭގައި ދަމާފައި ހުރި ބެނާތައް މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ ނަގާފައެވެ.

މިކަމާ ގުޅިގެން އާޒިމް ވިދާޅުވީ މާލޭގައި ދަމާފައިވާ ބެނާތައް ނެގިކަން އެނގުނީ ރާއްޖެއިން ބޭރުގައި ހުއްޓާކަމަށާއި، ނަމަވެސް ބެނާ ހަރުކުރުކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަދި އޮކްޓުބަރު 3ގައި ބާއްވާ ބޮޑު އެއްވުމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ހާމަކުރައްވާ އާޒިމް ވިދާޅުވީ އެއްވެސް ސިޔާސީޕާޓީ އަކަށް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި ބެނާތަކުގައި ވަނީ މި ސަރުކާރުން މުޅި ގައުމު ލޫޓުވައިފި ކަމަށް އެމްޑީޕީން ތުހުމަތުކުރާ އެކި ކަންކަން ލިޔެފައެވެ. އަދި އޮކްޓޫބަރު 3 ގައި ބާއްވާ މި ހަރަކާތް އިސްތިހާރުކުރުމަށް ބެނާ ދެމުމުގެ އިތުރުން އެތައް ކަމެއް އެ ޕާޓީން އަންނަނީ ކުރަމުންނެވެ.

އޭގެތެރޭގައި ޕިކަޕް ބުރާއި ސައިކަލް ބުރުގެ އިތުރުން އެކި ބައްދަލުވުންްތައް އަންނަނީ ބާއްވަމުންނެވެ.