ހުޅުމާލެ އަކީ ސާފުތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީ އިން އިސްނަގައިގެން ކުރިއަށްގެންދާ، ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ހަރަކާތް ބާއްވާ ތާރިހު ފަސްކޮށްފިއެވެ.

ކުރިން މި ހަރާކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 20 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މި ހަރަކާތް، މި މަހު 27 ވަނަ ދުވަހަށް ބަދަލުކުރީ ގިނަ ބައެއްގެ ޝައުގުވެރިކަން މި ހަރަކާތަށް ފާޅުކުރުމުން، އެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ޕްރޮގުރާމުގެ މަގްސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި މަހުގެ 27 ވަނަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ހަރަކާތާ ގުޅުވައިގެން، ތިމާވެށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ "މަންސަ" ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެކަމަށާއި މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެކަމަށް އެޗްޑީސީން ވަނި ބުނެފައެވެ.

ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިދަފަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.