އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެންގި އެންގުން، އެޗްޑީސީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ޅުމާލެއިން، ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން ކަމުގެ ތުހުމަތުތަކެއްކޮށް މިދިޔަ އަހަރު ފަހުކޮޅު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އަހުމަދު ޔާމީން ހިމެނޭ ހެން 15 މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ޔާމީން ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، ޓްރައިބިއުނަލުން ވަނީ ޔާމީން މަގާމުން ވަކިކުރި މައްސަލައިގައި، އޭނާއަށް ގެއްލުމުގެ ބަދަލުގައި 144،000 ރުފިޔާ ދިނުމަށް އަންގާފައެވެ. އެއީ ޔާމީންގެ މުސާރަ ކަމަށްވާ 24،000 ރުފިޔާގެ މަގުން، އޭނާގެ 6 މަސް ދުވަހުގެ މުސާރައާއި ނިމިދިޔަ ރޯދަ މަހުގެ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ އާއި، މިދިޔަ އަހަރުގެ ބޯނަސް ހިމެނޭ ގޮތަށެވެ. އަދި މި މައްސަލައިގައި ޓްރައިބިއުނަލްގައި ޔާމީންގެ ފަރާތުން ލީގަލް ޓީމެއް ނަގާފައިވާތީ، ލީގަލް ފީގެ ގޮތުގައި 20،000 ރުފިޔާ ނަގައިދިނުމަށްވެސް ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.
މީގެ އިތުރުން ޔާމީނަށް ދޭން ޖެހޭ ބަދަލާއި ބޯނަސް އަދި ރޯދަ އިނާޔަތާއި ލީގަލް ފީ ދެ މަސް ދުވަހުގެ ތެރޭގައި ދިނުމުގެ އިތުރުން ވަޒީފާ އަލުން އިއާދަކޮށްދިނުމަށް ޓްރަބިއުނަލުން ވަނީ އަންގާފައެވެ. ޓްރައިބިއުނަލްގެ މި ނިންމުން ތަންފީޒުކުރުމުގެ ބަދަލުގައި އެޗްޑީސީން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާއިރު އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެއެވެ.