ރޭ ހައްޔަރު ކުރި އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުސައިން ހަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ،ޝަރުތު ކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ކޯޓުން ހުސައިން ހަސަންގެ މައްޗަށް ޝަރުތުކޮށްފައި ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށެވެ.

ހުސައިން ހަސަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ. އެގޮތުން ރޭ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ސީނެއްގެ ތެރެއަށް ހުސައިން ހަސަން ވަދެ ފޮޓޯ އަދި ވީޑިއޯ ނެގި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް ސީން ތެރެއަށްވަދެ އެވިޑެންސްގެ ފޮޓޯ ނަގަން ހުސައިން ހަސަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުސައިން ހަސަން ދޫކޮށްލާފައި ވަނީ އޭނާ ހައްޔަރުކުރުން ކުށްވެރިކޮށް، އޭނާ ދޫކޮށްލުމަށް އެމްޑީޕީއިން ގޮވާލާފައި ވަނިކޮށެވެ.