10 ބާވާތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތަފާތު މޭވާގެ ބާވަތްތައް އަގުބޮޑުވެފައިވާ މި ދަނޑިވަޅުގައި ބާޒާރު މަތިން އެންމެ އާދައިގެ އޮރެންޖާއި އާފަލުގެ އަގު ވެސް ވަނީ އަތް ނުފޯރާ ފަށަށް އުފުލިފައެވެ.

އެއާއެކު ގިނަ ބައެއްގެ ކަންބޮޑުވުމާއި ޝަކުވާ އިންތިހާއަށް ކުރަމުންދާ މި ދަނޑިވަޅުގައި ރައީސް އެކްސްގައި މިއަދުވިދާޅުވީ، ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުގެ މަތިން ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މޭވާއާއި ތަރުކާރީގެ އަގު ރާއްޖޭގައޮ އަގުހެޔޮކުރަން މަސައްކަތްކުރަމުން ގެންދަވާކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ މާޗް މަހު 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި މީހަކު ވަނީ އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައިވާނެ ކަަމަށެވެ.

އޭގެ އިތުރުން އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖައްސައިގެން މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ކުރެވިދާނޭކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ.

މި އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު މޭވާގެ ބާވަތްތަކުގެ އަގު ނިމުނު އޮގަސްޓު މަހު %6 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ތަފާސް ހިސާބުތަކުން ވެސް ވަނީ ދައްކާފައެވެ. އެ އިދާރާ އިން އަންގާރަ ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާއިރު ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްތު މަހު ކާބޯތަކެތީގެ އަގު ވަނީ ޖުމްލަ ގޮތެއްގައި އުފުލިފަ އެވެ.

އެގޮތުން އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ އެކު އެމްބީއެސް އިން އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު ކާބޯތަކެތީގެ އަގު ވަނީ %1.62 އުފުލިފަ އެވެ. އަދި މޭވާގެ އަގުތައް %6.13 އުފުލުނު އިރު ތަރުކާރީގެ އަގުތައް %2.23 އުފުލިފައިވެއެވެ.\