ބ. ދޮންފަނު ކައިރީ އޮންނަ ހަނިފަރު ފަޅަކީ ފަތުރުވެރިކަން ތިޔާގި ސަރަހައްދެއް ކަމަށާއި، މިހާރު ހުށަހަޅާފައިވާ ފަޅު ކޮނުމުގެ މަޝްރޫގެ ސަބަބުން ހަނިފަރު ފަޅު ހަލާކުވެގެން ގޮސްދާނެ ކަމުގެ ބިރުބޮޑު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދޮންފަނުގެ ބިން ހިއްކަން ނިންމި އިރު އޭގެ އަސަރުތަކެއް މި ފަޅަށް ކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން ދޮންފަނު ރައްޔިތުންނަށް ފަތުރުވެރިކަމުގެ ޒަރީއާއިން ލިބެމުން އައި ނަފާވެސް ގެއްލިގެންދާނެ ކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ މައި ލޭނާރުކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ހަނިފަރު ފަޅަށް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
ހަނިފަރު ފަޅަކީ ފެހުރިއްސާއި އެކި ވައްތަރުގެ މަޑީގެ އިތުރުން މަންޓާވެސް އަންނަ ތަނެކެވެ. މިތަނުގެ ގުދުރަތީ ރީތި ދިރުންތައް ބަލާލުމަށް އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ފަތުރުވެރިންނެއް އާދެއެވެ.
މިކަމާ ގުޅިގެން ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހް ވިދާޅުވީ ދޮންފަނު އޮންނަނީ ހަނިފަރާ ވަރަށް ކައިރީގައިކަމަށާއި، ރަނގަޅު އީއައިއޭއެއް އަދި ޝޯ ޕްރޮޓެކްޝަންގެ ޕްލޭނެއް ނެތި މިހާރު އެ ހިއްކާ ގޮތަށް ހިއްކައިފިނަމަ ހަނިފަރަށް ވަރަށް ބޮޑެތި އަސަރުކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކިސަޑުގެ އަސަރުކޮށް މަންޓާއާއި މަޑި އެ ތަނުން ދެން ނުފެނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އަފްރާހް ވަނީ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ދޮންފަނުގެ ބިން ހިއްކުމުގެ ސަބަބުން ހަނިފަރު ފަޅަށް ގެންލުއްވާނެތީ އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައިވެސް މިހާރު ވަނީ ސޮއިކުރަން ފަށާފައެވެ. މި ޕެޓިޝަނުގައި މިހާތަނަށް 5000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ސޮއިކޮށްފައެވެ.