އިތުރު 5 އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރުޓީއެލްގެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ ދިރާސާތައް އަންނަ މަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އާރުޓީއެލްގެ ހިދުމަތް ފެށުމަށް ދިރާސާ ކުރުމަށްހަމަޖެހިފައި ވަނީ ޒޯން 4ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ކަމަށެވެ.

އާރުޓީއެލް ޕްރޮޖެކްޓްގެ ދަށުން ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއެކު ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އަންނަ ސެޕްޓެމްބަރު މަހު އަދި އޮކްޓޯބަރު މަހު ޖައިކާއިން ބޭސްލައިން ސާވޭތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ސާވޭއާ ބެހޭ މައުލޫމާތާއި އެ ސާވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓައިމްލައިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާކޮށްފައިވާކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

2022 ވަނަ އަހަރު ފެށި އާރުޓީއެލްގެ ހިދުމަތަކީ ޓްރާންސްޕޯޓް މިނިސްޓްރީއިން އެމްޓީސީސީއާ ގުޅިގެން ދެމުން އަންނަ ހިދުމަތެކެވެ.