ލ އަތޮޅުގައި މީގެ އެއް ހަފުތާ ކުރިން ދޭން ފެށި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ލ އަތޮޅުގައި ކުރާ އާރްޓީއެލް ފެރީގެ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަށް މިހާރު ގެޒެޓުކޮށްފައިވާ ކަމަށެވެ. އަދި އާރްޓީއެލް މޯބައިލް އެޕްލިކޭޝަން އާއި ވެބް ޕޯޓަލް މެދުވެރިކޮށް ޓިކެޓުނެގުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ލ އަތޮަޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށާފައިވަނީ މާޗް 31، 2026 ވަނަ ދުވަހު ލ. ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުގައެވެ. އަދި އާރްޓީއެލް ފެރީގެ ހިދުމަތަށް ލ އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރަމުންދާ ހިލޭ ދަތުރުތައް އެޕްރީލް 07 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މިއަދު މިނިސްޓްރީން ބުނީ އެޕްރީލް 08 ވާ ބުދަ ދުވަހުން ފެށިގެން ލ އަތޮޅުގައި އާރްޓީއެލް ފެރީގެ ދަތުރަށް އަގު ނަގާނެކަމަށެވެ.
އާރްޓީއެލް ހިދުމަތް ކޮންމެ އަތޮޅެއްގައި ވެސް ރަސްމީކޮށް ފެށުމަށް ފަހު، އެއް ހަފުތާއަށް އެ އަތޮޅެއްގެ ރައްޔިތުން ހިލޭ ދަތުރުކުރެވޭ ގޮތަށް ހިދުމަތް ފޯރުކޮށްދެއެވެ.
ލ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމުން، މި ހިދުމަތް ދޭ އަތޮޅުގެ އަދަދު 15 އަށް އަރާފައިވާއިރު މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހަ ޒޯނަކަށް ބަހާލައިގެން، ހުރިހާ ރަށްތަކެއް ދަތުރުފަތުރުން ގުޅާލުމަށް 2022 ވަނަ އަހަރު، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
