އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ހުރިހާ ހިދުމަތްތަކެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލްކޮށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް ދަތުރުފަތުރުގެ ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް 24 ގަޑިއިރު ލިބެމުންދިޔަ ނަމަވެސް، "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ބޭނުންކުރާ ސިސްޓަމަށްވުރެ ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން. އޭގެ ސަބަބުން ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ. އޭގެ ސީދާ ތަފްސީލް، މިސާލަކަށް އީފާސް މެދުވެރިކޮށްތޯ، ނުވަތަ ކިހިނެތްތޯ ހަދާނީ މިކަމާބެހޭ ޖުމްލަ ތަސައްވަރެއް އެބައޮތް އަޅުގަނޑުމެންގެ އަތުގައި" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މުޅި ރާއްޖެ ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ކުރިއަށްދާ އާރުޓީއެލް މަޝްރޫއާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިއުލާންކުރައްވާފައިވާާގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލް ފެރީގެ ހިދުމަތުން ގުޅާލެވޭނެ ކަމަށެވެ.

މިވަގުތު އާރުޓީއެލްގެ ހިދުމަތް 15 އަތޮޅެއްގައި 35 ހައި ސްޕީޑް ލޯންޗް މެދުވެރިކޮށް ދެމުން އަންނައިރު، ހިދުމަތް ނުފެށި ވަނީ އެންމެ 5 އަތޮޅެއްގައެވެ.