އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް މާލޭގައި މުޒާހަރާކުރުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ކުއްލި ޖަލްސާއެއް ބާއްވާފައި ވަނީ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

މި ސަރުކާރުން އިގްތިސާދީ ގޮތުން އެޅި ދޯހަޅި ފިޔަވަޅުތަކާ އެކު ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ދިރިއުޅުމަށް ތަކުލީފުތައް ކުރިމަތިވަމުންދާކަމަށް ބުނެ ހުށަހެޅި ގަރާރުގައި އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމާ، އަދުލު އިންސާފަށް މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމާއި ލާމަރުކަޒީ ނިޒާމު ފުނޑާލައި ކައުންސިލުތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރަމުންދާ ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

ދިވެހިން ބޭސް ފަރުވާއަށް ސަލާން ޖަހަންޖެހޭ ހާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާކަން ފާހަގަކޮށް މި ގަރާރުގައި ވަނީ މައުލޫމާތު ލިބުމުގެ ހައްގުން މަހްރޫމްކޮށް، މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނުކުމެފައިވާ ކަމަށެވެ. އެމްޑީޕީއަކީ ގައުމުގެ ހާލަތު ބޮއްސުންލައިގެންދާ ކޮންމެ ފަހަރަކު ހަމަ މަގަށް އެޅުވުމަށް ނިކުންނަ ޕާޓީއެއްކަމުން އަންނަ މަހުގެ 3 ގައި މުޒާހަރާ ކުރުމަށާއި އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކުގައި ކުރިއަށް ގެންދަން ގަރާރުގައި ހުށަހަޅާފައިވެއެވެ.

މި ގަރާރަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަހުމަދު ސަލީމް ތާއިދުކުރެއްވާފައިވާއިރު، ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ގަރާރުގައި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ނޫސްވެރިކަން ފަދަ ހުރިހާ ދާއިރާތަކެއްގެ ހާލަތު އެނގިގެންދާ ކަމަށް ސޯލިހު ވިދާޅުވިއެވެ. އިތުރަށް ސޯލިހު ވިދާޅުވީ މިފަދަ ކޮންމެ ހާލަތެއްގައި ވެސް އެމްޑީޕީއަކީ ރައްޔިތުންގެ ހައްގުގައި ބަސް ބުނެ، ހިމާޔަތުގައި ނިކުންނަ ޕާޓީއެއް ކަމަށެވެ.