މާލޭ ގެއެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ޖާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މ.އަފްޒާ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި އަލިފާން ރޯވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަދު 07:43 ހާއިރު ލިބުނު ރިޕޯޓާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އެ ސަރަހައްދަށް ގޮސް ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 07:59 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.

އަފްޒާ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލުމަށް ކުރި މަސައްކަތުގެ ތެރެއިން

އެމްއެންޑީއެފް އިން އާންމު ކުރި ފޮޓޯ ތަކުން ފެންނަ ގޮތުގައި މުޅި އެޕާޓްމެންޓުގެ ފާރު ތަކާއި ސާމާނުތަކަށް ގެއްލުން ލިބިފައިވާ މަންޒަރު ފެނެއެވެ. އަދި އޭސީގެ އިންޑޯ ޔުނިޓް އެއްކޮށް އަނދާ އަޅިއަށް ވެފައިވާ މަންޒަރު ފެނުނެވެ.