އިމިގްރޭޝަނުން ދެމުންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ ތިން ކެމްޕޭނެއް ފަށައިފިއެވެ.

އިމިގްރޭޝަނުން ފެށި މި ތިން ކެމްޕޭނަކީ، ހިނިތުންވުމާއެކު ހިދުމަތް ދިނުން، ނަޒާހަތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ. މި ކެމްޕޭންތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހުއެވެ.

  1. ހިނިތުންވުމާއެކު ހިދުމަތް ދިނުން - މި ކެމްޕޭނުގައި އަލި އަޅުވާލަނީ ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށެވެ. އަދި އޮފިސަރުން އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހިތްވަރު ދިނުމަށެވެ.
  2. ނަޒާހަތްތެރިކަން އިސްކުރުން - މި ކެމްޕޭނުގެ މަގްސަދަކީ ތެދުވެރިކަމާއި ހާމަކަން ބޮޑު ކަމާއި ޖަވާބުދާރީވުން އިތުރު ކުރުމެވެ. އަދި އެންމެ މަތީ ދަރަޖައިގެ އަހްލާގީ މިންގަނޑުތައް ދެމެހެއްޓުމުގެ ޒިންމާ އޮފިސަރުންނަށް ހަނދާންކޮށްދިނުން ކަމަށް ވެއެވެ.
  3. އިންސާނިއްޔަތުކަން ދެމެހެއްޓު - މި ކެމްޕޭނުގައި އަލި އަޅުވާލަނީ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކާ މެދު އިހްތިރާމާއި ހަމަހަމަކަމާއި ގަދަރުވެރިކަމާއެކު މުއާމަލާތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށް ވެއެވެ.

މި ކެމްޕޭންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކޮންޓްރޯލާ ޖެނެރަލް ވިދާޅުވީ، އިމިގްރޭޝަންގެ އޮފިސަރުންނަކީ ގައުމުގެ މޫނުމަތި ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ފުރަތަމަ މަރުހަބާ ކިޔާ އަދި ފުރާއިރު އެންމެ ފަހުން ދިމާވާނެ ފަރާތް ކަމަށެވެ. އެހެން ކަމުން ފެންވަރު ރަނގަޅު ހިދުމަތެއް އިމިގްރޭޝަނުން ދިނުމަކީ މުހިންމު ކަމެއް ކަމަށް ކޮންޓްރޯލާ ވިދާޅުވިއެވެ.

"މި ކެމްޕޭންތައް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ނަޒާހަތްތެރިކަމާއި އިހްތިރާމާއެކު އަބަދުވެސް ހިނިތުންވުމާއެކު ހިދުމަތް ދިނުމުގެ މުހިންމުކަން. އަބަދުވެސް ގަދައަޅާ މަސައްކަތް ކުރަންވީ އިތުބާރު ހިފޭ ރައްޔިތުންގެ ލޯތްބާއި ގަދަރު އަބަދުވެސް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމި ތިބުމަށް" ފަސީހު ވިދާޅުވިއެވެ.

ކެމްޕޭން ފެށުމުގެ ތެރެއިން

މި ކެމްޕޭންތައް ފެށުމަށްފަހު ކޮންޓްރޯލާ ވަނީ އެކި ޑިވިޝަން ތަކަށް ޒިޔާރާތް ކުރައްވާ އަމިއްލަފުލަށް މި ކެމްޕޭންތައް ތައާރަފް ކޮށްދެއްވާ ކޮންމެ ދުވަހަކު ކުރާ މަސައްކަތުގައި މި ރަނގަޅި އަމަލުތައް ހިމެނުމުގެ މުހިންމު ކަމަށް އަލި އަޅުއްވާލައްވާފައެވެ.

މި ކެމްޕޭންތައް މާލެއާއި އަތޮޅުތަކުގައި ހުރި އެކި އޮފީސްތަކުގައި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އަދި ހުރިހާ އިމިގްރޭޝަން އޮފިސަރުން މި ކެމްޕޭންތަކުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ވެއެވެ. މީގެ އިތުރުން ކަސްޓަމާ ސާވިސް އާއި ނަޒާހަތްތެރިކަމާއި، އިންސާނީ ހައްގުތަކުގެ މުހިންމުކަމާ ގިޅޭގޮތުން ތަޖުރިބާ ކުރުން ކުރިއަށްގެންދާ ސެޝަންތައް ވެސް މި ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.