ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ލަންކާގެ މަސްބޯޓެއް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގެންފިއެވެ.
އެމްއެންޑީއެފްއިން ބުނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެއުޅުނު އެ ބޯޓުގައި 6 މީހުން ތިބި ކަމަށާއި އެ ބޯޓު ފެނުނީ ކ. ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ހާއްސ އިގްތިސޯދީ ސަރަހައްދަށް ވަދެ ހަރަކާތްތެރި ވަމުން ދަނިކޮށް ކަމަށެވެ.
އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް އެ ބޯޓު ގެންދިއުމަށްފަހު މިހާރު އެ ބޯޓު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.
ފޮޓޯ އިން ފެންނަ ގޮތުގައި އެ ބޯޓަކީ މަސް ވެރިކަމުގައި ނުކުމެ އުޅޭ ބޯޓުތަކާ އެއްގޮތް ބޯޓެއް ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި އެ ބޯޓު ހަރަކާތްތެރިވަމުން ދިޔައީ މަސް ހިފަން ކަމެއް ނުވަތަ ގަވައިދާ ހިލާފު އަމަލެއް ހިންގަން ކަމެއް އަދި ސާފެއް ނުވެއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާއަށް ނިސްބަތްވާ 2 މަސްބޯޓެއް އެމްއެންޑީއެފްއިން ވަނީ އަތުލައިގެންފައެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅެނިކޮށް އަވަށްޓެރި ގައުމުތަކުގެ ބޯޓްތައް ހިފަހައްޓާ، ޖޫރިމަނާކޮށްފައި ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ބޯޓުތައް ދައުލަތަށް ނަގާފައިވާކަން ވެސް ފާހަގަކުރެވެއެވެ.
އަދި މިފަދަ ބައެއް ބޯޓު ފަހަރުގައި ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރަމުން ދާކަންވެސް ރިޕޯޓް ކުރަމުން ދެއެވެ.