ގްރޭޑް 11 އަދި 12 ކިޔަވާ ކްރައިޓީރިއާ ދަށްކޮށްފިއެވެ.
މިހާރު ރާއްޖޭގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ، އޯލެވެލްއިން ފަސް މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވެފައިވާ ނަމަ އެވެ. ނަމަވެސް ވަރަށް ފަހުން ވަނީ ފާސްވާ ނިސްބަތް ތިން މާއްދާއަށް މަދުކޮށް، އިތުރު ފުރުސަތު ހުޅުވާލާފަ އެވެ.
އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ވަނީ އޭ ލެވެލް ކިޔަވަން ބޭނުންވާ ގިނަ ކުދިންނަށް އެ ފުރުސަތު ފަހިވާނެހެން އުސޫލްތައް ދަށްކޮށްފައެވެ. އެ އުސޫލްތަކާއެކު ޝަރުތުތަކެއް ވެސް ވަނީ އެކުލަވާލާފައިވެއެވެ.
1. ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމަށް ވަނުމުގެ ޝަރުތުތައް
- އޯ ލެވެލްގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ލިބުން.
- ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހުން ދަށްވެގެން "ފާސް" ލިބިފައި ވުން.
2. އެކަޑަމިކް ސްޓްރީމްތައް
- އޯ ލެވެލްގައި ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން ސީ ލިބިފައި ވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން ސީ ލިބިފައިވުން.
- އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ)އޯ ލެވެލް ހަދާ ކުދިން އޯ ލެވެލް ނިންމައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއިން ސީ ލިބިފައިވުން.
- އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ އާ އެކު ކޮންމެވެސް އެއް ސްޓްރީމެއްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ހޯދައި ކުރިއަށްދާން ބޭނުންވާ މަސައްކަތުގެ ދާއިރާއާ ގުޅޭ އިހުތިޔާރީ އެއް މާއްދާއަކުން ސީ ލިބިފައިވުން.
- އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމްގެ އިތުރަށް ހިސާބުން ދަށްވެގެން ލިބިފައިވުމާ އެކު ސްޓްރީމްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއަކުން ސީ ލިބިފައި ވުން.
- އޯ ލެވެލްގައި ހިސާބު ނޫނީ އިނގިރޭސިން ދަށްވެގެން ސީ ލިބިފައި ވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ލިބިފައި ވުން.
މިނިސްޓްރީން ބުނި ގޮތުގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމުގައި ބަލާނީ އެސްއެސްސީ އާއި އައިޖީސީއެސްއީ، އޯލެވެލް އަދި ބީޓެކްގެ ނަތީޖާއަށް ކަމަށެވެ. އަދި މި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައި ނުވާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ހަމަ އެހެންމެ އަތޮޅުތަކުގެ ސްކޫލުތަކުގައި އޭ ލެވެލް ކިޔަވައިދޭ ރަށްރަށު ސްކޫލުތަކުގައި ޖާގަ އޮވެ، ޝަރުތުތައް ފުރިހަމަ ނުވާ ކުދިންނަށް މިނިސްޓްރީގެ ހުއްދައާ އެކު ކިޔެވުމުގެ ފުރުސަތު ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުގެ މަތިން ރޭޑް 10 ނިންމައި އޯލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް، އޭލެވެލްގެ ފުރުސަތު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.