އާންމު މޫސުމީ ވިއްސާރަތަކުގައި ނުވެހޭހާ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި އުސް ސަރަހައްދުތަކުން ތިރި ސަރަހައްދުތަކަށް ފެންގަނޑު ދެމިގެން ދިޔައިރު ގެނބިގެންނާއި އެނޫންވެސް ހާދިސާތަކުގައި 344 މީހަކު މަރުވެއްޖެއެވެ.

ހަބަރުތައް ބުނާގޮތުން މީގެ ތެރެއިން 328 މީހަކު މަރުވެފައި ވަނީ، މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހައިބާރު ޕަހުތުންހުވާ ސަރަހައްދުންނެވެ. އެއީ ފަރުބަދަމަތީގެ ސަރަހައްދެކެވެ.

އަދި ގިނަ ބަޔަކު މަރުވާން ދިމާވީ، އޮހިގެން ދިޔަ ފެންގަނޑާއެކު ގެތައް ވެއްޓި ފެންގަނޑުގެ ތެރެއަށް ޣަރަދުވެގެން ދިޔައިރު އެގޭގައި ތިބި މީހުންނަށް ސަލާމަތް ނުވެވި ތާށިވުމުން ކަމަށް ވެސް ރިޕޯޓައް ބުނެއެވެ.

ހައިބާރު ސަރަހައްދުގެ ޗީފް މިނިސްޓަރާ ހަވާލާދީ ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވާ ގޮތުގައި، އެންމެ ބޮޑަށް އަސަރު ކުރި ސަރަހައްދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އުދުހެމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި 2 ޕައިލެޓަކުވެސް މަރުވިއެވެ. އެ ހިލިކޮޕްޓަރު ވެއްޓިފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ވެސް އޭނާއާ ހަވާދީ ރިޕޯޓް ކޮށްފައި ވެއެވެ.

ހައިބާރު ސަރަހައްދުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ، ބުނޭރު، ބަޖައުރު، މަންސެރާ އަދި ބައްޓެގްރާމް އަށެވެ. މިއީ އެ ސަރަހައްދުގައި ހިމެނޭ އަވަށްތަކެކެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނާގޮތުގައި ވިއްސާރަ އަލިވެ ހަމަޖެހެން އަދި ވަގުތުކޮޅެއް ނަގާނެއެވެ. އެހެން ކަމުން ރައްކާތެރި ނޫން ސަރަހައްދުތަކަށް ނުދިޔުމަށް އާންމުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާދިސާގައި މަރުވި ބައެއް މީހުންގެ މައްޗަށް ކަށުނަމާދު ކޮށް ހަދާފައި ވާއިރު، ފެނާއި ކިސަޑާއެކު އޮޔާގޮސް ވަޅުލެވިފައި ވާ އެތައް ބައެއްގެ ހަށިގަނޑު އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ފަޅިންވެސް ނަގާފައި ވެއެވެ.

ހައިބާރު ސަރަހައްދަކީ އަފްގާނިސްތާނާއި އަދި ކަޝްމީރާ ވެސް ކައިރިއަށް އޮންނަ ޕާކިސްތާނުގެ ސަރަހައްދެކެވެ. ކަޝްމީރު ވެސް ހިމެނޭ ހިމާލިޔާ ފަރުބަދަތަކަކީ މާސިންގާ ސަރަހައްދަކަށް ފެތުރިފައި އޮންނަ ފަރުބަދަތަކެއް ކަމުން، ވިއްސާރާހައި ކަޝްމީރުގެ ބައެއް އަވަށްތަކަށް ވެސް ފެންގަނޑު ފައިބައިގެން ދިޔަ ކަމަށް ހަބަރުތައް ބުނެއެވެ.

ޕާކިސްތާނަށް ކުރާ މޫސުމީ ވިއްސާރަ ސެޕްޓެމްބަރާ ހަމައަށް ދެމިގެން ދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރެއެވެ.