ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށާއި ސަރުކާރަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ މިއަދުގެ ހާލަތާއި ގުޅިގެން ބޭނުންޖެހިފައިވާ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ.

ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަށް އެ ހުދޫދުގެ ތެރޭގައި ކަމަށެވެ. އަދި ޔުނިޓަރީ ދައުލަތެއްގެ ނިޒާމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާއި ފުށުއަރާ ގޮތަށް އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުން ގާނޫނު އަސާސީގައި ބަޔާންކޮށް އެ މައްޗަށް ގާނޫނެއް ވުޖޫދަށް ގެނެސް ވޭތުވެދިޔަ 14 ވަރަކަށް އަހަރު ރާއްޖެހިންގަމުން ދާއިރު، އެ ގާނޫނާއިއެކު ފެޑްރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމީވެސް ހަގީގަތެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ގާސިމް ވިދާޅުވި ގޮތުގައި އާންމުކޮށް ސަރުކާރާއި އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓްކުރާކަން ފާހަގަކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން މި އިސްލާހުތަކަކީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަން ޖެހޭ އިސްލާހުތަކެއްކަން ގަބޫލުކުރައްވާ ކަމަށްް ގާސިމް ވިދާޅުވިއެވެ. މި އިސްލާހުގެ ސަބަބުން ފައިދާ ވާނީ ރައްޔިތުންނަން ކަމަށާއި ސަރުކާރަށް ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ކުރިއަށްް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކުރުމާއި ގިނަ އަދަދެއްގެ މުވައްޒަފުން ނަގުމުގެ ފުރުސަތު ކައުންސިލަރުންނަށް އޮވެގެން ނުވާނެ ކަމަށާއި އެއީ ނާޖާއިޒް ފައިދާއެއް ކަމަށެވެ. އަދި އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަން ނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.