ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަސަދަވެރިވަޑައިގެން ކުރައްވާފަ، ނުކުރައްވާނެ ކަމެއް ނެތްކަން ސާބިތުކޮށްދީފައިވާ ކަމަށް ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ ވިލާ ކުންފުނިން ހިންގަމުންދާ ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓާއި ބެހޭ ގޮތުން ރަައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. ކާޑެއްދޫ އެއާޕޯޓަކީ ގާސިމްގެ "ތަރިކަ މުދާގަނޑެއް" ކަމަށާއި ގާސިމް އެދިވަޑައިގަންނަވައިގެން ކޮންމެ ސަރުކާރަކުން ކާޑެއްދޫ އެއާޕޯޓު ގާސިމަށް ދެނީ ކަމުގައި ޔާމީން ވިދާޅުވެފައިވެއެވެ. އަދި އެ އެއާޕޯޓު ހިންގަން އުޅެއުޅެ ނުހިންގުމުން ސަރުކާރު ބޮލުގައި އަޅުވަން ޖެހުނީ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ގާސިމް ނެރުއްވި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓާ ވިލާއިން ހަވާލުވުމަށްފަހު އެއާޕޯޓަށް އަލަށް ގެންނަށްޖެހޭ އެތައް ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި ބައިނަލްއަގްވާމީ އެއާޕޯޓަކަށް އެ އެއާޕޯޓް ބަދަލުކުރުމަށް ރާއްޖޭ ބޭރުގެ ޕާޓްނަރަކާއެކު، 150 މިލިއަން ޑޮލަރުގެ ޕްލޭނެއްކޮށް ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް، ބަދަލުކުރުމަށް އެދިފައިވަނިކޮށް، ރައީސް ޔާމީން އެކި ބަހަނާތައް ދައްކަވާ އަދުލުވެރި ބަދަލެއް ދިނުމެއްނެތި 2017 ވަނަ އަހަރު އެއަޕޯޓު ސަރުކާރަށް ނެގީ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ އެގޮތަށް ޔާމީން އަމަލުކުރެއްވީ އެ ދުވަސްވަރު ސަރުކާރުން ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށް ލަމުންދިއުމުން އެކަމުގައި އެމަނިކުފާނު ބަސް ބުނި ހިސާބުން ކަމަށެވެ. ކާޑެއްދޫ އެއާޕޯޓް އަތުލުމުގެ އިތުރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އަށް ވިލާއިން 199 މިލިއަން ޑޮލަރުގެ ޓެކްސް ދައްކަންޖެހިފައިވާ ކަމަށް ނިންމީ ސީދާ ރައީސް ޔާމީންގެ އޯޑަރަށް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި ދައުވާ އުފުލައި ޕާމިޓްތައް ކެންސަލްކޮށް، އިމްޕޯޓް ލައިސަންސް ބާތިލްކޮށް، ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، އެތަކެއް ހާސް މުއައްޒަފުންނަށް މުސާރަ ނުދެވި، ފަތުރުވެރީންނަށް ހިދުމަތް ނުދެވި ވިލާއިން ނުހަނު ނިކަމެތި ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. އެގޮތުން 2018ގެ ރިޔާސީ އިންތިހާބު ނިމެންދެން ޔާމީނުގެ އަނިޔާވެރިކަމުގެ ހިތްދަތިވޭން އެމަނިކުފާނާއި ވިލާ ކުންފުނީގެ މުއައްޒިފުން ތަހައްމަލުކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނަގަނީ ވިލާއަށް ނުހައްގު ބަދަލެއް ދިނުމަށްފަހު ކަމަށް ބުނެ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭހެން ރައީސް ޔާމީން އެމަނިކުފާނުގެ "އާންމު އުސޫލުން" ވާހަކަދައްކަވާފައިވާ ކަމަށެވެ. ޔާމީނަކީ ޒާތީ ހަސަދަވެރިއެއްކަން ކަމަށާއި އެއްފަހަރަށް ވުރެ ގިނަ ފަހަރު ގާސިމް "ލުނބޯ ކިބައެއްހެން ފެލާލާނެ" ކަމަށް އެކި ފަހަރުމަތީން ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް 2013 ގެ ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ޔާމީނަށް ދިވެހިރާއްޖޭގެ ވެރިކަމާއި ހަމައަށް ވާސިލްވެވަޑައިގަނެވުނީ ގާސިމްގެ ނުހަނު ބުރަމަސައްކަތުން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި ޔާމިނަށް ތާއީދުކުރެއްވީ އެއީ ކާކުކަން ނޭނގި ނޫން ކަމަށާއި ކުރީގެ ރައީސް މައުމޫންގެ އެދިލެއްވުމުގެ އިތުރުން ހަރުކަށި ކުލައިގެ ކިތަންމެ ބަޔަކު ކުރި އާދޭހުގެ ސަބަބުން އޭރު އޮތް ހާލަތުން، ގައުމަށް ހެޔޮގޮތް އެދިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވިލާ ކުންފުންޏާއި އެމަނިކުފާނާމެދު ޔާމީންގެ ހިތުގައި އޮންނަ ގިލަންވެރި އަދި ހަސަދަވެރިކަމަށް ލުއިކަމެއް ހޯދަން މަސައްކަތް ކުރެއްވި މީ ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއާއި ހިލާފު ހުކުމެއް ގާސިމްގެ މައްޗަށް ރައީސް ޔާމީން ކުރެއްވި ކަމަށާއި ގާސިމްގެ އާއިލާއާއި މެދު ކޮށްފައި ނުކުރާނޭ އެއްކަމެއްވެސް މި އުޑުދަށުގައި ނުވާނެކަން ކަށަވަރު ވެވަޑައިގަންނަވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މީހެއްގެ މައްޗަށް އެއްވެސް ސަބަބަކާއި ހުރެ ނުރުހިއްޖެނަމަ އެމީހަކާ މެދު ކޮންމެ ފަދަކަމެއްވެސް ހިންގަފާނެކަން އެމަނިކުފާނުގެ ވެރިކަމުގެ މުއްދަތުގައި ދިވެހި ގައުމަށް ސާބިތުކޮށްދީފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

2017ގައި ކާޑެއްދޫ އެއާޕޯޓުގެ ސަރުކާރަށް ނެގުމަށްފަހު، އެއީ ނިންމުން ގޯސްކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުން 2022 ވަނަ އަހަރު އެ އެއާޕޯޓު އަލުން ވިލާ ކުންފުންޏާ ހަވާލުކުރިއެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވިލާ ކުންފުނި އަނބުރާ ސަރުކާރަށް ހޯދުމަށެވެ.