ގދ. ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކުރުމަށްފަހު އެ އެއާޕޯޓު ސަރުކާރަށް ނެގުމަށްޓަކައި ބަދަލެއްގެ ގޮތުގައި ވިލާ ކުންފުންޏަށް 18 މިލިއަން ޑޮލަރު ދިނުމަށް ހުށަހަޅައިފިއެވެ.
މިކަމަށް އިޝާރަތްކޮށް މިދިޔަ އަންގާރަ ދުވަހު ވިލާ އެއާގެ ޗެއާމަން އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމަށް އެޑްރެސްކޮށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ވިލާ އެއާއަށް 2 ގޮތެއް ހުށަހަޅާފައެވެ. އެއީ އެއާޕޯޓާ ގުޅިގެން ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސްދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދިނުމެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ގޮތަކީ ވިލާ ގުރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސްދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުމެވެ.
މި ސިޓީގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން އެ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް އާނެސްޓް އެންޑް ޔަންގުން ލަފާކުރީ 100 މިލިއަން ޑޮލަރު ކަމަށާއި، ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން ވިލާ އެއާ ކުންފުނިން ހުށަހެޅީ، ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރު ކަމަށާއި އެއާޕޯޓު ތަރައްގީ ކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރުކަމާއި، އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް ބަޔާން ކޮށްފައި ވެއެވެ. އެހެންކަމުން އެ އެއާޕޯޓު ސަރުކާރަށް ނަގަން 2 ގޮތެއް ހުށަހެޅީ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރަނގަޅު ޑީލް އެއް ލިބިއްޖެނަމަ ކާޑެއްދޫ އެއާޕޯޓު ދޫކޮށްލާނެ ކަމަށް ގާސިމް މީގެކުރިން ވިދާޅުވެފައިވީ ނަމަވެސް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ދެ ގޮތުން ކުރެ ގޮތެއް ވިލާއިން ހިޔާރުކުރި ކަމެއް އަދި އެނިގފައެއް ނެތެވެ.