2018 ވަނަ އަހަރު ފެބްރުއަރީ މަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ބުނެ އަބްދުالله ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މައުމޫން ވިދާޅުވެއްޖެއެވެ.

މައުމޫންގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން، ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިދާޅުވީ، މައުމޫން އޭރު ޖަލަލަށްލީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ މައްސަލަ ފެންމަތިވުމުން މައުމޫން ހައްޔަރު ނުކޮށް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ނަމަވެސް ފުލުހުން ގޮސް މޮބައިލް ފޯނު ދިނުމަށް އެދުމުން ފޯނެއް ނުގެންގުޅުއްވާ ކަމަށް މައުމޫން ވިދާޅުވި ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

"މައުމޫން ޖަލަށް ލީ ކީއްވެގެންތޯ؟ ކިޔުއްވާ، ކިހިނެއްވެގެންތޯ މައުމޫން ޖަލަށް ލީ؟ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ރިޝްވަތު ދިނީ ކޮންބައެއްތޯ؟ ފާރިޝް މައުމޫން އާއި މައުމޫން އާ ދެއްވީ، ޖާބިރު އަތުން ލާރި ނަގައިގެން، އެއީ ސުޕްރީމް ކޯޓުގެ 2018 ވަނަ އަހަރުގެ އަމުރު ނުކުތް ގޮތަކީ އެއީ،"
ޔާމީން

ހަމަ އެހެންމެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގައި އުޅުއްވީ މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކަމަށާއި އެ ކަމަށް ބޭނުންވާ ފައިސާ ހޯދީ ޔާމީން ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުން ކަމަށް ވިދާޅޫވެ ޔާމީން ވަނީ މައުމޫންއަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ.

އެ ތުހުމަތުތައް ދޮގުކޮށް މައުމޫން އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޔާމީންގެ ވެރިކަމުގެ ފަހު އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައުމޫންއާ އެއްވެސް ގުޅުމެއް ނެތް އަމުރެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާއި ހަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އަދި ޔާމީން އެ ގޮތަށް ވާހަކަފުޅު ދެއްކެވީ މައުމޫންގެ ނަންފުޅު ކިލަނބު ކުރުމުގެ ގޮތުންކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނީ އެއީ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ،" އެ ބަޔާނުގައި ވެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށް 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ޖަލުގައި ބެހެއްޓި އިރު އެމަނިކުފާނުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލާފައެވެ. އޭގެތެރެއިން ބައެއް ދައުވާތައް ސާބިތުވާ ކަމަށް ނިންމާ ޖަލު ހުކުމް އިއްވައި، އެމަނިކުފާނަށް ދީފައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ބާތިލު ކުރިއެވެ.

ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވުމާއެކު ރައީސް މައުމޫން މިނިވަން ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށް، އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމްތައް ބާތިލު ކޮށްފައެވެ.