ށ. ފުނަދޫގެ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާން ބޮޑު ސަރަހައްދަކަށް ފެތުރި، އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކާއި ފަސް ގަރާޖެއްގައި ވެސް ރޯވެއްޖެއެވެ. ހެނދުނު ހަތެއް ޖެހިއިރު ހިނގި މި އަލިފާނުގެ ހާދިސާ ފެށުނީ އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ “ފަތްމިނި” ނަމަކަށް ކިޔާ ތެޔޮ ޝެޑުންނެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ކައިރީގައި ހުރި އިމާރާތްތަކަށާއި ވޯކްޝޮޕްތަކަށް ފެތުރުމާ ގުޅިގެން އެ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބެން ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި ހެނދުނު އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ނުވާއިރު، އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕް ނުވަތަ ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އަލިފާނުގެ އަސަރުކުރި ސަރަހައްދުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި، އަލިފާން ފެތުރުނު ސަރަހައްދުގައި ހުރި ގެތަކުން މީހުން މިހާރު ވަނީ ހުސްކޮށްފައެވެ. އަދި އެ ގެތަކުން މީހުން ހުސްކުރުމަށް ފަހު، ކަމާބެހޭ އިދާރާތަކުން ވަނީ އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ.

ބޮޑު ސަރަހައްދަކަށް އަލިފާން ފެތުރި، އެ ސަރަހައްދުގައި ހުރި ގެތަކަށާއި ގަރާޖުތަކަށް އަލިފާނުގެ އަސަރުކުރި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އެ އިދާރާއަށް އަދި ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ށ. ފުނަދޫގެ ހަމައެކަނި ޕެޓްރޯލް ޝެޑުގައެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް އާންމުން ބުނެފައިވާ ގޮތުގައި، “ފަތްމިނި” ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެފައިވަނީ ކޮންޓްރޯލް ނުކުރެވޭ ވަރަށެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހުރި މި ޝެޑުގައި ރޯވި ބޮޑު އަލިފާނުގެ ހާދިސާއާ އެކު، އިތުރު ގޭގެއަށް ވެސް އަލިފާންގަނޑު ފެތުރުމުގެ ބިރު ބޮޑު ކަމަށް ބައެއް މީހުން ބުންޏެވެ.

ހެނދުނު ހަތެއް ޖެހިއިރު ރޯވި މި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު، އެ މަސައްކަތުގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އަލިފާން ރޯވުމާ އެކު، އެ ރަށުގައި ތިބި ފުލުހުންނާއި، އެ ރަށު އެއާޕޯޓުގެ ފަޔާ ޓީމުގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެމްއެންޑީއެފުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، “އެއާޕޯޓުގެ ފަޔާ ފައިޓާސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން،” ކަމަށެވެ.

ށ. ފުނަދޫ ޕެޓްރޯލްޝެޑްގައި އަލިފާން ރޯވެ އަނދަމުން ދަނީ / ފޮޓޯ: އެންޑީއެމްއޭ

ރަށުގައި ތިބި ފަރާތްތަކުގެ އިތުރުން، ކައިރި ރަށްރަށުންނާއި ރިސޯޓުތަކުން ވެސް ވަނީ އަލިފާން ނިއްވުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން ހދ. ކުޅުދުއްފުށި ފަޔާ ސްޓޭޝަންގައި މަސައްކަތްކުރާ އެމްއެންޑީއެފްގެ ފަޔާ ޓީމު ށ. ފުނަދޫއަށް ދަތުރުކޮށް، އަލިފާން ނިއްވާލުމުގެ އޮޕަރޭޝަނުގައި ވަނީ ބައިވެރިވެފައެވެ.

ސިފައިންނާއި ފުލުހުން އަދި އެއާޕޯޓުގެ ފަޔާ ފައިޓަރުންނާ އެކު، އެ ސަރަހައްދުގައި އޮންނަ މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔާ ޓީމުން ވެސް ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. މި ހުރިހާ ޓީމުތަކަކުން ގުޅިގެން ކުރަމުންދާ މަސައްކަތަކީ ބަނދަރު ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު އިތުރު އިމާރާތްތަކަށް ފެތުރިޔަނުދީ ކޮންޓްރޯލްކޮށް، އެއްކޮށް ނިއްވާލުމެވެ.

މި އަލިފާނުގެ ހާދިސާގެ ސަބަބުން ށ. ފުނަދޫގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތަށް ބުރޫއަރާފައި ވާއިރު މިއަދު ހެނދުނު 9:45 ހާއިރު ށ. ފުނަދޫ އެއާޕޯޓަށް ޖައްސަން އޮތް މޯލްޑިވިއަންގެ މަތިންދާބޯޓު ވެސް، ވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓް ކޮށްފައެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތަށް ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީތައް ބޭނުންކުރަމުންދާތީ، އެ ރަށުން ބޯޓު ފުރޭނެ އިރެއް އަދި ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ވައިގެ ދަތުރުތަކަށް ބުރޫއެރުމުގެ އިތުރުން، އަލިފާންގަނޑުގެ ސަބަބުން އަރަމުންދާ ބޯ ދުމުގެ އަސަރު ރަށު ތެރެއަށް ކުރަމުންދާތީ އާންމު ހިދުމަތްތަކަށާއި ތައުލީމީ ހަރަކާތްތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.