ތުރުކީން ހަދިޔާކުރި، މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މަނަވަރު ހަވާލުކުރުމަށް މިރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި މަނަވަރަށް "ދަރުމަންތަ" ނަން ދިނުމަށްފަހު ކޮމިޝަން ކޮށްފައިވާއިރު، މި މަނަވަރުގެ ކޮމާންޑިން އޮފިސަރަކީ ލެފްޓިނެންޓް ކާނަލް ހަސަން ޝިނާނެވެ. މި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވާފައިވަނީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ. އަދި ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތްފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ މިރެއަކީ އެމްއެންޑީއެފްގެ ގާބިލްކަން ކުރިއަރައިގެންދާ ރެޔެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައީސް މުއިއްޒު ކުރެއްސެވި ރަތް ރޮނގު އިތުރަށް ފަވާލަދެއްވާ ރެޔެއް ކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު ކަދިރް ޔިލްޑްޒް ވަނީ ކުރިމަގުގައި ރާއްޖެއާއި ތުރުކީއާ ދެގައުމުގެ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށާއި، މި މަނަވަރަކީ ދެގައުމުގެ ދެމެދު އޮންނަ ގުޅުން ރަމްޒްކޮށްދޭ ކަމެއްކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ތުރުކީން ހަދިޔާކުރި މި މަނަވަރަކީ ތުރުކީގައި މީގެ ކުރިން ބޭނުން ކުރި ޑޯގަން ކްލާސްގެ މަނަވަރެކެވެ. ޑޯގަން ކްލާސް މަނަވަރުތަކުގައި މިސައިލް ފޮނުވާލެވޭ ގޮތަށާއި ބޮޑުބަޑި ބޭނުން ކުރެވޭގޮތަށް ހުރެއެވެ. އަދި ރާޑަރު ސިސްޓަމްތަކާއި އެހެނިހެން ސަވައިލަންސް އާލާތްތައް ވެސް ހުރެއެވެ.

ރާއްޖެއަށް ދޭ ޑޯގަން ކްލާސް ބޯޓަކީ 1981 ގައި ތުރުކީ ސިފައިން ބޭނުން ކޮށް، ރަސްމީ އޮޕަރޭޝަންތަކުން ވަކިކުރުމަށް ފަހު، 2024 ގައި ޓްރެއިނިން ހެދުމަށް ބޭނުން ކުރަމުން އައި އުޅަނދެކެވެ. ޖަރުމަނުގައި ބަނދެފައި ވާ މި އުޅަނދަކީ 58.1 މީޓަރު ދިގު ގަޑިއަކު 30 ނޮޓް ކަޑައްތު ކުރާ ޑީސެލް އުޅަނދެކެވެ. ޑީސަލް 4 އިންޖީން ހުންނަ މި އުޅަނދުގައި ހާޕޫން މިސައިލް ސިސްޓަމްގެ 2 މިސައިލް އެއްފަހަރާ ފޮނުވާލެވޭނެ ގޮތަށް ހުރިއިރު، އޮޓޯ ބޮޑު ބަޑިއެއްގެ އިތުރުން އެއާ ޑިފެންސް ގަން އާއި 2 މެޝިން ގަންވެސް އެކުލެވެއެވެ.