ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ބާ އިމްތިހާނުގެ މޮކް ކަރުދާހެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔުމަކީ ބާ ކައުންސިލުގެ ލިޔުމެއް ނޫން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކައުންސިލުގެ ކުރީގެ ރަސްމީ ލޯގޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބާ އިމްތިހާނުގެ މޮކް ކަރުދާހެއް ކަމަށް ލިޔެފައިވާ ލިޔުމެއް ދައުރުވަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ބާ އިމްތިހާނާ ގުޅިގެން ބާ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ނުވަތަ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތައް ފިޔަވައި، އެހެން އެއްވެސް ލިޔުމެއް ނުވަތަ މޮކް ކަރުދާހެއް އެ ކައުންސިލުން އެންޑޯސްކޮށް ނުވަތަ އާންމުކޮށްފައި ނުވާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބާ ކައުންސިލުން ބުނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނާ ގުޅޭގޮތު މައުލޫމާތު އާންމުކުރަމުންދަނީ އެ ކައުންސިލުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ބާ ކައުންސިލުގެ މޮކް ކަރުދާހެއް ކަމަށް ބުނެ ލިޔުމެއް ދައުރުކުރުމަކީ ބާ އިމްތިހާނުގެ ބައިވެރިންނަށް އެކަމުގެ ސަބަބުން އޮޅުންތަކެއް އަރާނެ ކަމެއް ކަމަށްވުމާއެކު އެފަދަ ކަންކަން ނުކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ބާ ކައުންސިލުގެ ނަން ބޭނުންކޮށްގެން ބާ ކައުންސިލުގެ ލިޔުމެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ދައުރުކުރަމުންދާ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.