ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ރޭ ހުޅުމާލޭގައި ކާރު ދުއްވި މައްސަލައިގައި ހައްޔަރު ކުރި ޒުވާނާގެ ވަނަވަރު އާމުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކާރު ދުއްވި ހެންވޭރު ފިލިމާގެ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ހަސަން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އައިކްގެ އިތުރުން ކާރުގައި އިން އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް މިހާރު އެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައި ވަނީ ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ އެ ކާރު މަޑުކުރަން ބުނުމުން ވެސް މަޑުކޮށްފައި ނުވާ ކަމަށެވެ. އަދި ކާރު މަޑުނުކޮށް ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ދުއްވާ ދުއްވާފައިވާ ކަމަށާއި ފުލުހުން ކާރުގެ ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލުގައި ޖައްސާ ވައްޓާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އަނިޔާވި ފުލުސް އޮފިސަރަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.