މި މަހުގެ 15 ގައި ބޭއްވުމަށް ކުރިން ނިންމާފައި އޮތް އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް ކައުންސިލްތަކުގެ އިންތިހާބަށް ފަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން އެ ޕާޓީން ނިންމާފައި ވަނީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައެވެ. ކޮންގްރެސް ފަސްކުރަން ނިންމީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ ވޯޓާއެކުއެވެ.

އެމްޑީޕީގެ ކޮންގްރެސް އަކީ އެ ޕާޓީން ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތައްވާއިރު، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުން ކޮންގްރެސްއެއް ބާއްވަން ޖެހޭނީ ކޮންމެ 5 އަހަރަކުން 1 އަހަރުއެވެ. ނަމަވެސް ކޮންމެ ވަގުތަކު ވެސް އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އާދަޔާހިލާފު ކޮންގްރެސް ފަސްކުރުމަށް ރޭ ބޭއްވި މަޖިލީހުގައި ހުށަހުއްވީ އެ ޕާޓީގެ ހޯރަފުށީ ދާއިރާގެ ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ. މި ހުށަހެޅުއްވުމަށް ތުޅާދޫ ދާއިރާގެ ރައީސް އަބްދުﷲ ސިރާޖު ތާއީދު ކުރައްވާފައިވާއިރު، އެ ހުށަހެޅުއްވުމުގައި ވަނީ ކައުންސިލް އިންތިހާބުގެ ފަހުން އަންނަ އަހަރުގެ މެދުތެރޭގައި ކޮންގްރެސް ބޭއްވުމަށެވެ. ނަމަވެސް ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ.

ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ މިދިޔަ މޭ މަހުގެ ފަހުކޮޅުން ފެށިގެން މަސައްކަތް ކުރަމުން އައީ ޕާޓީގެ 20 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވުމަށް ކަމަށާއި، ކޮންގްރެސް ފަސްކުރުމާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ރެއާ ހަމައަށް ނުބޭއްވުނީ މި ސަބަބާ ހެދި ކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި ކޮންގްރެސް ފަސްކުރަން ނިންމާފައިވާ މި ދަނޑިވަޅަކީ އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓަށް ފެކްޝަންތަކުގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވެސް ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.