ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަކީ މާލީ ގޮތުން ކައުންސިލްތައް ބަލިކަށިކުރުވުމަށް ގެންނަ އިސްލާހެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ކައުންސިލްތަކުން އާންމުންގެ ވިޔަފާރިތަކަށް ހުރަސް އަޅާ ކަމަށް ބުނެ ގެންނަ އިސްލާހަކީ ދިރާސާކުރުމެއްނެތި ގަސްތުގައި ކައުންސިލްތައް މާލީ ގޮތުން ބަލިކަށި ކުރުމަށް ގެންނަ އިސްލާހެއް ކަމަށެވެ.

މި އިސްލާހާއެކު ކައުންސިލްގެ ދައުރު ނިމެން 1 އަަހަރަށްވުމުން އެއްވެސް މަސައްކަތެއް ކައުންސިލްތަކަށް ނުކުރެވޭނެ ކަމަށާއި މި އިސްލާހު ލާމަރުކަޒީ ގާނޫނުގެ އެހެން މާއްދާ ތަކާއި ފުށުއަރާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ރަށުގެ ތަަރައްގީގެ ޕްލޭން އެކުލަވާލަނީ 5 އަހަރު ދުވަހަށްކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ ކައުންސިލްގެ ދައުރުނިމެން 1 އަހަރަށްވުމުން އިތުރު މަސައްކަތެއް ކައުންސިލްތަކަށް ނުކުރެވޭ ގޮތަށް ހަމަޖައްސަން ބޭނުންވާނަމަ ކައުންސިލްތަކުން ތަރައްގީގެ ޕްލޭން އެކުލަވާލަންވީ 4 އަހަރަށް ކަމަށް ގާނޫން ކަނޑައެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނިޔާޒް ވިދާޅުވީ ކައުންސިލުގެ ދައުރުގެ ފަހު އަހަރު ސަރުކާރުން އިންތިހާބަށް ތައްޔާރުވުމަށްޓަކައި ވާޒީފާތައް އުފެއްދުމާއި ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތައް ސަރުކާރުން ހިތް އެދޭ ބަޔަކަށް ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ސަރުކާރުން ބޭނުންވާ ނަތީޖާ ނެރެވޭނެ ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ކައުންސިލްތައް ހުއްޓުވައި، ކައުންސިލްތަކުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރާ ގޮތަށް ދެ އަތާއި ދެ ފައި ބަނދެފައި ސަރުކާރުން ރަށްރަށަށް އަރައި ވަޒީފާ ބަހައިގެން އިންތިހާބު ކާމިޔާބުކުރުން ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ. އަދި މިއީ އެކަމަށް ގެނެސްފައި އޮތް އިސްލާހެއް ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ވަކި ޝަރުތުތަކެއް ހުންނަންވާނެއެވެ. އެއީ އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސޯދީ މަސައްކަތެއް ކަމުގައި ނުވުމާއި އެ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމުގައިވުމުގެ އިތުރުން އެ މަސައްކަތުގެ އިންވެސްޓްމެންޓް 10،000،000ރުފިޔާއަށްވުރެ ބޮޑުވުމެވެ.

ކައުންސިލުތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓުތައް ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށާއި އަދި އެ މިނިސްޓްރީއިން އެދިއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓްތައް ދޭންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލުގެ ދައުރު ހަމަވާން ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.