ލ. ފޮނަދޫގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއުގެ 78 ޕަސެންޓު ނިންމައިފިއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ފޮނަދޫގެ ބޮޑެތި މަގުތައް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު އެ މަސައްކަތް ކުރިއަށްގެންދަނީ ފޮނަދޫގެ އައިލީ ހިނގުން، މިހިރީ މަގު އަދި ސަރަހައްދީ މަގުގައި ކަމަށެވެ.

އެގޮތުން އެ މަގުތަކުގެ އޭބީސީ މަސައްކަތާއި ސަބްބޭސް މަސައްކަތުގެ 73 ޕަސެންޓު ނިންމާ، މުޅި މަޝްރޫއުގެ 78 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ލ. ފޮނަދޫ މަގުތައް ތަރައްގީ ކުރުމުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް 53.9 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 2021 ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2022 މާޗު 22 ގައެވެ.

އެ މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. މީގެ އިތުރުން ވެސް ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.