ޓެކްނިކަލް މައްސަލައެއް ދިމާވެ ލ. ފޮނަދޫގައި ފެނުގެ ހިދުމަތް ކެނޑިއްޖެއެވެ.

ފެނަކައިން ބުނީ، ފޮނަދޫއަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ބޭނުން ކުރަމުންދާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ފެނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ފެނަކައިގެ މުވައްޒަފުން މަސައްކަތްކުރަމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން މިރޭ ފެން ޕްލާންޓަށް ބޭނުންވާ ތަކެތި މާލޭން އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނައިރު މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އާބާދީގައި 3،000 އަށް ވުރެެ ގިނަ މީހުން އުޅެމުން އަންނަ ފޮނަދޫގައި ރޭ ދަންވަރުން ފެށިގެން ޕްލާންޓު ފެން ލިބުން ހުއްޓިފައިވާއިރު މިކަމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަކަމުގެ ޝަކުވާތައް ގިނައެވެ. އެ ރަށު ގިނަ ގޭގައި ދެ ވައްތަރުގެ ފެންވެސް ބޭނުންކުރިނަމަވެސް ރޯދަ މަހު ފެން ލިބުމުގެ ދަތިތައް ކުރިމަތިވުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.