ޖަނގިޔާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު އަންހެނެއްގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމި މައިގަނޑު ސަބަބަކީ، އެ ކަމުގައި އޭނާގެ ކުށުގެ ނިޔަތް އޮތްކަން ސާބިތުކޮށްދެވޭނެ ހަރުދަނާ ހެއްކެއް ނެތުން ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 18 ގައި ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަންހެނަކާއި ލ. މާވަށު ފިރިހެނަކު ހައްޔަރުކުރި މައްސަލައެކެވެ. އެ އަންހެން މީހާ ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖަނގިޔަލުގެ ތެރޭގައި ޕެޑެއްގެ މަތީގައި ޓޭޕް އަޅައި ފޮރުވާފައި ހުރި 9.2 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ފުލުހުން ފެނުމާއެކު ކުއްލިއަކަށް ކުރިމަތިވި ހާލަތުގައި ފިރިމީހާ ސަލާމަތްކުރުމަށްޓަކައި، ފިރިމީހާ ބުނުމަށް އޭނާ އެ ތަކެތި ފޮރުވައިދިނުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
ޕީޖީން މި ދައުވާ ދޫކޮށްލަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ފިރިމީހާ އަތަށް ދިން އެތި އަންހެން މީހާ ފޮރުވީ އެއީ ކޯންޗެއްކަން އެނގިހުރެ ކަން ނުވަތަ ނޫންކަން ސާބިތުކޮށްދެވޭނެ ހަރުދަނާ ގޮތެއް ނެތުމެވެ.މީގެ އިތުރުން އެ އަންހެން މީހާއަކީ މި މައްސަލަ ފިޔަވައި އިތުރު އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވުމާއެކު އަންހެން މީހާގެ އަތުން ފެނުނު ތަކެތީގެ ފުރިހަމަ ޒިންމާ ފިރިމީހާ ކޯޓުގައި ނަގާފައިވުމުންކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، ފިރިހެން މީހާއަކީ ކުރިންވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ރެކޯޑު އޮތް، މިފަދަ އެއްޗެހި ބޭނުންކުރާ މީހެކެވެ.
ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ކުރިއަށް ދަނިކޮށް، ފިރިހެން މީހާ ވަނީ އެ ތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް އިއުތިރާފުވެފައެވެ. ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން، އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެގެން 13 އަހަރަށްވުރެ ދިގު މުދަތަކަށް ޖަލަށްލުމާއެކު 50،000 ރުފިޔާ އިން ވަނީ ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
