އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފިއެވެ.
ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މޭސްތިރިއެއް ކަމަށްވާ އުރީދޫއަށް 20 އަހަރު ފުރުނީ އިއްޔެއެވެ.
އެއާއެކު އެ ކުންފުނީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށީ އުރީދޫގެ މެނޭޖްމަންޓާއި ބްރޭންޑް އެމްބެސެޑަރު މާޒިޔާގެ މެނޭޖްމަންޓާ ދެމެދު އެކުވެރިކަމުގެ މެޗަކުންނެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރީ އުރީދޫ ޓީމާއި ހަބޭސް އެމްބެސެޑަރުންނެވެ.
އަދި ހަމަ އެހެންމެ އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫއިން ވަނީ އިއްޔެ ހަވީރު އައިސްކޯން ވެސް ބަހާފައެވެ. ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްއޮފީހުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އާންމުންނާއި ކުޑަކުދިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
މީގެ އިތުރުން ވެސް އަހަރީ ދުވަހުގެ މުނާސަބަތުގައި ހަތަރު އޮފާއެއް އުރީދޫއިން ފަށާފައިވާއިރު އެ އޮފާތަކަކުގެ ތެރޭގައި ހިމެނެނީ، ލިވްއަންލިމިޓެޑް ކެމްޕެއިން، 20 ޕަސެންޓް ބޯނަސް ޑޭޓާ، ސްޕިން ދަ ވީ އެންޑް ވުން، އެމް ފައިސާ އޮފާ އެވެ.
އުރީދޫއިން އާންމުންނަށް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 2005 ވަނަ އަހަރު ވަތަނިއްޔާގެ ނަމުގައެވެ. އަދި ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ވަތަނިއްޔާއިން 'އުރީދޫ މޯލްޑިވްސް' އަށް ކުންފުނި ރީބްރޭންޑު ކުރީ 2013 ވަނަ އަަހަރުއެވެ.