އިދިކޮޅު އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރޭ 01:30 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން މ. ސްޓާ، މާލެ، މުހައްމަދު ރަޒީން (49އ) ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރަޒީން އަކީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައި ހައްޔަރު ކުރި މީހެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހަރުގޭގައި ހުންނަނީ ކަހާ ލެވޭ ގޮތަށް ހަދާފައި ހުންނަ ދަގަނޑު ދޮރެކެވެ. އަދި ދޮރުގެ ބައެއް ނައްޓާލާފައިވާ މަންޒަރު ފެނުނު ނަމަވެސް ހަރުގެ ތެރޭގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެއް ނުވެ އެވެ.

އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުންދީފައި / ފޮޓޯ: ސޯޝަލް މީޑިއާ

އެމްޑީޕީ ހަރުގޭގެ ދޮރު ހަލާލުކޮށްލާފައި މި ވަނީ އިއްޔެ ހަވީރު އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން "ރަންރީނދޫ" ދުވުމުގެ ނަމުގައި ހާއްސަ ދުވުމެއް ވެސް ބާއްވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިންވެސް ވަނީ އެކި ފަހަރު މަތިން ހަރުގެއަށް ގެއްލުން ދީފައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުވެސް އެ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އަދި އެ މައްސަލަ ފުލުހުން އޭރު ބެލި ނަމަވެސް އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.