އިދިކޮޅު އެމްޑީޕީން ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންއަށް 5.6 މިލިއަން ރުފިޔާ ދެ އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ހެދި އެއްބަސްވުން ބާތިލްކޮށް، ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެއް އެއް މަސްދުވަސް ތެރޭ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ކޯޓުން ބޭރުގައި ދެ ފަރާތުން އެއްބަސްވި ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އެމްޑީޕީން ދައްކަމުން ނުދާތީ ކަމަށް ބުނެއެވެ. އެއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ އެވެ.

ސެޓެލްމެންޓުގައި ދެ ފަރާތުން އެއްބަސްވެފައި ވަނީ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން ވަނީ އެ ފައިސާ އެއްފަހަރާ ހޯދުމަށް ދައުވާގައި އެދިފައެވެ.

އަދި އެ މައްސަލައާއި ގުޅިގެން އިއްޔެ ގާޒީ ސިނާން އަލީ އިއްވެވި ހުކުމްގައި ވަނީ، ދެ ފަރާތުން އެކުލަވާލި ސެޓަލްމެންޓަށް އަމަލު ކޮށްފައި ނުވާ ކަމަށާއި އެހެންކަމުން ސެޓެލްމަންޓު އެއްބަސްވުމުގެ 1.2 ވަނަ މާއްދާއަށް ރިއާޔަތްކޮށް އައިލެންޑް އޭވިއޭޝަންއާއި އެމްޑީޕީއާއި ދެމެދު އެކުލަވާލި ސެޓެލްމެންޓު ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭ ކޯޓަށް ދައްކަން އަންގާފައެވެ.

އިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް އައިލެންޑް އޭވިއޭޝަނުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.