ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެ ކުންފުނީގެ ވެރިޔަކަށް މައުރޫފް އައްޔަން ކުރީ ހުސްވި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ މައުރޫފް، މަގާމުން ވަކިވެވަޑައިގަންނަވާނެކަން މި މަހުގެ ކުރީކޮޅު ވަނީ އިއުލާން ކުރައްވާފައެވެ. އަދި އޭރު މަގާމުން ވަކިވެވަޑައިގަންނަވަން މައުރޫފް ނިންމެވީ އަންނަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުއެވެ.
އަދި އެޗްޑީސީން ވަކިވެވަޑައިގަތުމަށްފަހު ސަރުކާރުގެ އެޑްވައިޒަރީ ފެންވަރުގެ މަގާމަކާ ހަވާލުވެވަޑައިގަތުމަށް މައުރޫފް ނިންމަވާފައިވާ ކަމަށްވެސް އޭރު އޭނާ ވިދާޅުވެފައި ވެއެވެ. ދައުލަތުގެ މީޑީއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ވިސްނުމަކީ ފުލް ރިޓަޔާމެންޓްއަކަށް ދިއުން ނޫން ކަމަށެވެ. އަދި އެމްޑީގެ މަގާމުން ރިޓަޔާކުރި ނަމަވެސް ބޭނުންވެވަޑައިގަންނަވަނީ އެޗްޑީސީގެ އެޑްވައިޒާ ނުވަތަ އެހެން މަގާމެއްގައި ވެސް އެޗްޑީސީއާ އެކު ކުރިއަށް ދިއުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މިއަދު މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ، ރިޓަޔާ ކުރައްވަން އެދިވަޑައިގަތް ނަމަވެސް އިސްތިއުފާ ދެއްވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އޭނާއަށް އެންގުމާއެކުއެވެ.
މައުރޫފު ވަނީ ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރުން ފެށިިގެން ވަރަށް ގިނަ ދުވަސް ވަންދެން އެތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގެންފަ އެވެ.
އަދޮ ހަމަ އެހެންމެ ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓު އުފެއްދިއިރު އެތަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދި އޭގެ ފަހުން އެޗްޑީސީ އުފެދުމާއެކު އެ ކުންފުނީގެ ސީއީއޯގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.