ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޮޑު ކުރި ފުލުހުންގެ މުސާރަ ނުލިބޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްސްއަށް ދޭ މުސާރައިގެ 85 އިންސައްތަ 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން، އެ އެއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ނުދޭ ކަމަށް ބުނެ އިއްޔެ ވަނީ 'ރާއްޖެ އެމްވީ'ން ހަބަރެއް ޝާއިއު ކޮށްފައެވެ.

ރާއްޖެ އެމްވީއަށް ލިބުނު މައުލޫމާތެއްގެ މައްޗަށް ކަމަށް ބުނެ ޝާއިއު ކުރި އެ ހަބަރުގައިވާ ގޮތުން ފުލުހުންގެ މުސާރަ މިދިޔަ އަހަރުގެ މާޗު މަހު ބޮޑު ކޮށްފައިވީ ނަމަވެސް ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޮޑު ކުރި މުސާރަ ދޭން ފަށާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. އެއާއެކު މާޗް މަހުން ފެށިގެން 9 މަސް ދުވަހަށް ދޭންޖެހޭ މުސާރަ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބިފައިނުވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގައި ހިމަތް ކުރާ ގާތްގަނޑަކަށް 177 މުވައްޒަފުންނަށް އެ މުވައްޒަފުންގެ މުސާރަ އަށް މީގެ ކުރިން ނުދީ އޮތް 9 މަހަށްވާ ފައިސާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ޖުމުލަ 33،201 ރުފިޔާ ލިބެން ޖެހުނު ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ ލިބިފައި ނުވާ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

އެ ވާހަކަތައް ދޮގުކޮށް ރޭ ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅި ގޮތަށް ބޮޑުކުރި މުސާރަ އެއްވެސް އުނި އުތުރު ކުރުމެއް ނެތި ދެމުންދާ ކަމަށެވެ. އަދި ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ހިދުމަތަކީ އާންމު ފުލުހުންނާއި ހިލާފަށް އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާ އެއްބެސްވުމެއްގެ ދަށުން ދެވޭ ހިދުމަތެއްކަން ފާހަގަކޮށް އެ ހިދުމަތުން ބުނީ އެ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކޮންސްޓެބުލަރީގެ މުސާރަ ދިނުމުގައި އަމަލު ކުރަމުންދާ ކަމަށެވެ.

އަދި އަލަށް އެ ހިދުމަތައް ވަންނަ ފަރާތްތަކާއެކު ވެސް އެއްބަސްވުމުގެ ދަށުން އިތުރުކުރި މުސާރަ ދެމުންދާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު އެ އިދާރާތަކުގެ މުސާރަ ބޮޑުކުރަން ރައީސް މުއިއްޒު ވިސްނަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ އަހަރު 35 ޕަސެންޓު، ދެ ވަނަ އަހަރު 25 ޕަސެންޓު، އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު މުސާރަ ބޮޑުކުރާ ގޮތަށް ވަނީ ނިންމާފައެވެ.