ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީއިން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މިއަދުވެސް ހުޅުމާލޭގައި ފުޅަނދު ދައްކާލުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީއިން ތައްޔާރުކުރި ފުޅަނދު ރޭގައި ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާއިރު އެ ހަރަކާތައް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީއިން ބުނީ އެހެންކަމުން މިރޭ 8:30 އިން 11:30 އަށް ފުޅަނދުތައް ދައްކާލުމަށް ނިންމާފައިވާ ކަމަށވެ. ފުޅަނދުތައް ދައްކާލުމަށް ބަހައްޓާފައިވަނީ ހުޅުމާލޭގެ ސެންޓަރް ޕާކުގައި ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 'މައިންކްރާފްޓް' ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް އެ ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 ޕަސެންޓް އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން 2 ހަފްތާގެ ތެރޭގައި ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ދުވަސްތަކާ ގުޅުވައިގެން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު ކުލަގަދަކޮށް ދުވަސްތައް ފާހަގަކުރުން ކަމަށެވެ.