މިނިވަން ދުވަހާ ގުޅިގެން ބާއްވާ ސިފައިންގެ ޕެރޭޑު މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ބާއްވާ ސިފައިންގެ ޕެރޭޑު ފަށާނީ މިއަދު ހަވީރު 16:15 ގައި ހުޅުމާލޭ ސިންތެޓިކް ޓްރެކް ކައިރިން ކަމަށެވެ.

ސިންތެޓިކް ޓްރެކުން ފަށައިގެން ސިފައިންގެ ހިނގާލުން ފުރަތަމަ ހުއްޓާނީ އިރުމަތިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަންނަ ދިމާލަށެވެ. އަދި ދެވަނަ އަށް ހުއްޓަން ހަމަޖެހިފައިވަނީ ސިފްކޯ / ޕޮލްކޯ ފްލެޓުތަކުގެ ހުޅަނގު ފަރާތަށެވެ. އަދި މި ހިނގާލުން ނިންމާނީ ކަލާސީނު ކޮށިން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ ޕެރޭޑަށް ފަހު މިނިވަން ދުވަހުގެ ހާއްސަ ފުޅަނދުބުރު މިރޭ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިނިވަން ދުވަހާއި ގުޅިގެން އިއްޔެ ހަވީރު ވަނީ ޖުމްހޫރީ މައިދާނުގައި ހެވިކަމުގެ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ސްކޫލު ދަރިވަރުންގެ ހުށަހެޅުންތަކާއި ރާއްޖޭގެ ސަގާފީ ހުށަހެޅުންތައް ދައްކާލާފައިވެއެވެ. އަދި މާލޭގެ މަގުމަތީގައި ސިފައިން ހިނގާލުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ކުޅިވަރުތައް ބައްލަވާލެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ސަރުކާރުގެ އިސްވެރިން އަދި ކުރީގެ ބައެއް ރައީސުންނާއި ބޭރުގެ އިއްޒަތްތެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.