ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، "މިނިވަން ރަން"ގެ ނަމުގައި ހާއްސަ ދުވުމެއް މިއަދު ހަވީރު ހުޅުމާލޭގައި ބާއްވައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއާއި "ވީރަން މޯލްޑިވްސް" ގުޅިގެން އިންތިޒާމުކުރި މި ހަރަކާތް ކުރިއަށްދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެމިލީ ރޫމް ހުރި ސަރަހައްދުގައެވެ. މި ދުވުން ރަސްމީކޮށް ފަށްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަްރު ހީނާ ވަލީދުއެވެ.

މިއީ މިނިވަން ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ފުރަތަމަ ދުވުމެވެ. ޖުމްލަ 5 ކިލޯމީޓަރުގެ މި ދުވުމަކީ ދިވެހިންގެ ހިތްތަކުގައި ގައުމީ ލޯތްބާއި އެއްބައިވަންތަކަން އާލާކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމުގެ މަގްސަދުގައި ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަަރު ހީނާ ވަލީދު ވިދާޅުވީ، މި ރަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އެންމެން ގުޅިގެން އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މިނިވަން ރަން ގެ ބައިވެރިން

"މިއީ ސިއްހަތަށްވެސް ފައިދާހުރިކަމެއް. އެހެންވީމައި ނުދުވެވޭ ބޭފުޅުން ހިނގާލުމަކީވެސް މުހިންމުކަމެއް. އެހެންކަމުން މިފަދަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްސަދުގައި މި ދުވުން އަޅުގަނޑުމެން މި އިންތިޒާމު މިކުރީ،"
ހީނާ

މި ދުވުމުގައި ހުރިހާ އުމުރުފުރައެއްގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، ދުވުން ނިންމި ކޮންމެ ބައިވެރިއަކަށް ވަނީ "މިނިވަން ރަން" އާ ގުޅޭ ހާއްސަ ބެޖެއް ދީފައެވެ. މި ބެޖުތައް ބައިވެރިންނާ ހަވާލުކޮށްދެއްވީ މިނިސްޓަްރު ހީނާ ވަލީދު އާއި ވީރަން މޯލްޑިވްސްގެ އިސް ބޭފުޅުންނެވެ.

މި ހަރަކާތަށް ލިބުނު ބޮޑު ތަރުހީބާއެކު، އަންނަ އަހަރު ރާއްޖޭގެ އެހެން ސިޓީތަކަށްވެސް މި ދުވުން ފުޅާކުރުމަށް ވަނީ ނިންމާފައެވެ.