ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ހެވިކަމާއި މައިދާނީ ކުޅިވަރުގެ ހަރަކާތްތައް މިރޭ ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ވަޑައިގެންނެވި، ދެ ހަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓާ އޮފް ސްޓޭޓް، އަދި ސަޢޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ. މަންޞޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސަޢޫދު އެވެ.
މިރޭގެ ހަފްލާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް އިސްތިގްބާލުކުރެއްވީ، މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދާއި، މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސަސް ހަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ޕްރިންސް ޑރ. މަންޞޫރު ބިން މުތްއިބު އިއްޒުއްދީން ފާލަމަށް ފައިބާވަޑައިގަތުމުން އެމަނިކުފާނަށް އިސްތިގުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
މިރޭގެ ހަރަކާތްތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވައި، 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމާއި، 15 ސްކޫލެއްގެ ދަރިވަރުން ހިމެނޭ ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ. މި ހިނގާލުންތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީސް އަރުވާފައިވެއެވެ.
މިރޭގެ މައިދާނީ ހަރަކާތްތަކުގައި ޝަހީދު އަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުންގެ ހުށަހެޅުންތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހާއްސަ ހަރަކާތްތަކެއް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން، ހޭވައްލާ ގުރޫޕުގެ ފަރާތުން ސަގާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފައެވެ. މި ހަރަކާތްތައް ނިންމާލާފައިވަނީ މުޅި ސަރަހައްދު އުޖާލާކޮށްލި ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތުންނެވެ.
މިރޭގެ އިހުތިފާލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދާއި، ބަންގްލަދޭޝްގެ ފޮރިން މިނިސްޓާ ޑރ. ޚަލީލުއްރަޙްމާނުގެ އިތުރުން ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަތެވެ.
