ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތާރީހީ ހަވަޔަކާއި ރީތި ޑްރޯންޝޯއަކާއެކު މިރޭ ހުޅުވައިފިއެވެ.
ނުވަ އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށް ނިމުން ގެންނަވާ މި ޓާމިނަލް މިރޭ ހުޅުވައިދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ފެނިގެން ދިޔަ ޑްރޯން ޝޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންގޮސްފައިވާއިރު، މި ޑްރޯން ޝޯއިން ވަނީ ރާއްޖެ އާއި މިނިވަންކަމާ ގުޅޭ ތަފާތު މަންޒަރުތައް ދައްކުވައިދީފައެވެ.
ޑްރޯން ޝޯގެ އިތުރުން މިރޭ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ 19 ސަރަހައްދެއްގައި ވަނީ ހަވާ އަރުވާފައެވެ. ހަ މިނެޓަށް އެރުވި މި ހަވާ ބަލަން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތައްމައްޗަށް އެއްވެފައެވެ.
ޒަމާނީ ގިނަ ވަސީލަތްތަކާއި ހިދުމަތްތަކެއް ހިމެނޭ ގޮތައް ހުޅުވުނު މި ޓާމިނަލަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.
އާ ޓާމިނަލް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު އާ ޓާމިނަލްގެ މަސައްކަތުގެ ތެރެއިން ނިމިފައިވަނީ އެންމެ 30 އިންސައްތަ ކަމަށާއި، މިއަދު މި ޓާމިނަލް ހުޅުވާފައިމިވަނީ 70 އިންސައްތަ މަސައްކަތް އެންމެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ފަހު ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު ވަނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ލިބިގެންދާނެ ކަމެއް ކަން ފާހަގަކުރައްވާ މި ޓާމިނަލްގެ މަސައްކަތުގައި ދެން ޝާމިލުވި ކުރީގެ ރައީސް ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރެއްވި މަސައްކަތަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާ ޓާމިނަލްގައި ޒަމާނީ ގިނަ ވަސީލަތްތަކެއް ގާއިމުކޮށްފައިވާއިރު އޭގެތެރޭގައި 47 ސެލްފް ޗެކިން ކައުންޓަރާއި، އިމިގްރޭޝަން ކްލިއަރެންސް 20 ކައުންޓަރުގެ އިތުރުން ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް ގާއިމުކުރެވިފައިވެއެވެ.