ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ގާއިމްކުރި ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހުޅުވައިފިއެވެ.

މި ފެސިލިޓީ ހުޅުވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމްކުރާ މަރުކަޒުތަކުގެ ތެރެއިން ގާއިމްނުވެ އޮތް ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ގާނޫނު ތަންފީޒުކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ގައުމީ ހިދުމަތުގައި ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އޮފިސަރުންނަށް ނަސޭހަތްތެރިވެފައެވެ.

ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ގާނޫނުން ލާޒިމްކުރާ ފެސިލިޓީއެކެވެ. ޖުވެނައިލް ލޯންގްޓަމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާއިރު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިން އަދި ސައިކިއަޓްރިކް ސެޝަންތައް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ކުދިންނަށް އިސްލާމީ ކައުންސިލިން ދިނުމާއި ލައިފް ސްކިލްސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ގައިދީންނާ، ބަންދުގައި ތިބޭ ފަރާތްތައް، އާއިލާތަކާ ބައްދަލުކުރުމަށް ހާއްސަކޮށް ތަރައްގީކޮށްފައިވާ 'އާއިލީ ހިޔާ' އާއި އޮފިސަރުންގެ ކުޅިވަރު ފެންޑާ 'ހިރުނދު ހިޔާ' ހުޅުވާފައިވެއެވެ.