ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ހާއްސަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެގޮތުން ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރުމަށް ވެސް އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.

މީގެ އިތުރުން ވެސް އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ މީހަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ހަމަޖެއްސެމުގެ އިތުރުން، ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި އިޖުރާއަތެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށް ހަމަޖެއްސުމަށްވެސް ނިންމަވާފައިވެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިފަދައިން ނިންމާފައި ވަނީ މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުންނެވެ.

މިފަދަ ނިންމުމެއް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާއިރު ރާއްޖޭގައި ހިންގާ އެކި ސްކޭމްގެ މައްސަލަތަކުގައި ބިދޭސީންގެ ނަމުގައި ނަގާފައި ހުންނަ ނަންބަރުތައް ބޭނުންކުރުން ވަނީ އިތުުރުވެފައެވެ. އެހެންކަމުން މި ފިޔަވަޅުގެ ސަބަބުން ސްކޭމްގެ މައްސަލަތައް ދެނެގަތުމަށް ފަސޭހަ ވެގެންދާނެއެވެ.