ހުޅުމާލޭގައި ހިންގި ކޮވިޑް-19 ފެސިލިޓީގައި އިމާރާތްކުރާ ޖަލު ޔުނިޓުގެ ފަސް ބްލޮކުގެ ތެރެއިން ބްލޮކެއްގެ މަސައްކަތް ނިންމައި، ބައެއް ގައިދީން އެ ތަނަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަންސް އިން މިއަދު ބުނީ ކޮވިޑުގެ މުއްދަތުގައި ބޭނުންކުރި ފެސިލިޓީ ހުރި ތަނުގައި އަލަށް އިމާރާތްކުރާ ޖަލު ޔުނިޓުގައި 140 މީހުންގެ ޖާގައެއް އޮންނާނެ ކަމަށެވެ. އެ ތަނުގައި ޖުމްލަ ފަސް ބްލޮކުގެ، ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާއިރު ކަރެކްޝަންސް އިން މިއަދު ބުނީ، ފަސް ބްލޮކުގެ ތެރެއިން ފުރަތަމަ ބްލޮކުގެ މަސައްކަތް ނިންމައި، ފުރަތަމަ ބެޗުގެ 16 ގައިދީއަކު އެ ޔުނިޓަށް އިއްޔެ ބަދަލުކޮށްފައިވާ ކަމަށެވެ.

އިތުރަށް ކަރެކްޝަނުން ބުނީ މިއީ ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ގައިދީން ބޭތިއްބުމަށް، ހޯލްޑިން ސެލްތައް އެކުލެވޭ ގޮތަށް އޭސީއާއެކު ބިނާކުރެވޭ ޔުނިޓެއް ކަމަށެވެ. އަދި އެ ތަނުގެ ތިރީ ފަންގިފިލާގެ ހުރިހާ މަސައްކަތެއް އަންނަ ޖޫން މަހު ތެރޭ ނިންމައިލެވޭނެކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކަރެކްޝަނުން ބުނީ މިއީ ކޯޓުތަކަށާއި ސިއްހީ ބޭނުންތަކަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބައިތިއްބުމަށް ލުއި ލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމެއްކަމަށެވެ.