ގައުމުގެ ކޮންމެ އަކައިންޗިއެއް ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށާއި ސިފައިންނަށް ހާއްސަ އިސްކަމެއް ދެއްވަނީ އެހެންވެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދިވެހި ސިފައިންނާއި ފުލުހުންނާއި ބަދައްލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެއެވެ.
ސިފައިންނަށް ހާއްސަ އިސްކަމެއްދެއްވާތީ އެކަމާ ގުޅިގެން ރައީސްއާ ސުވާލުކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މި ގައުމު އޮންނަން ޖެހޭނީ ގައުމުގެ ދިވެހި ރައްޔިތުން ދިފާއުކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި ގައުމުގެ ކަންކަން ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބޮޑުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ބޮޑު އިންވެސްޓްމެންޓެއް ކުރަނީ އެ ސަރަހައްދުގެ ކޮންމެ އަކައިންޗިއެއްވެސް ބަލައްހައްޓަނީ ދިވެހި ސިފައިންނާއި ފުލުހުން ކަމުގައިވާތީ ކަމަށެވެ.
ބޭރު ގައުމުތަކުގެ އެހީތެރިކަން ފަންނީ ގޮތުން، ތަކެތީގެ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ހޯދިނަމަވެސް އެހެން ބަޔަކު އައިސް ގައުމުގެ ކަންކަމާ ހަވާލުވެ އެކަންކަން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ 2 މުއައްސަސާގެ ކޮންމެ ހިދުމަތްތެރިއަކަށް ބޭނުންވާ ތަމްރީނާއި ފުރުސަތުތައް ހޯދައިދިނުމުގައި ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން 2 މުއައްސަސާއަށް ބޭނުންވާ މުހިންމު ކަންތައްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ވާސީލަތްތައް ހޯދުމާއި އިތުރު ކަންކަމުގައި ކުރިއެރުން ހޯދައިދިނުމަށް ކުރިއަށް އޮތް ތަނުގައި މިދިޔަ ދޮޅުއަހަރަށްވުރެ ވެސް ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.